ރާއްޖެއެތެރެކުރަން އުޅުނު 11.62 ކިލޯގްރާމްގެ މަސްތުވާތަކެތި ދިވެހި ކަސްޓަމުން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލަކާއި ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

މިގޮތުން 2024 އޮގަސްޓް 14 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމުން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންއަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމުން ހާމަކޮށްފައިވެއެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 680 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 960,000.00 (ނުވަ ލައްކަ ފަސްދޮޅަސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ކަސްޓަމުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، 2024 އޮގަސްޓް 19 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތެއް ފެނިފައިވާ ކަމުގައި ކަސްޓަމުން ބުނެއެވެ. އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަދި ކެނެބިސް އަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމުން ހާމަކޮށްފައިވެއެވެ.

ކަސްޓަމުން ބުނީ، ހެރޮއިން އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 740 ގްރާމް އަދި ކެނެބިސް އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 10,200 ގްރާމް ހުރިކަމަށެވެ. މިތަކެތީގެ މަގުމަތީ އަގަކީ 8,900,000.00 (އަށް މިލިއަން ނުވަލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ކަސްޓަމުން ހާމަކޮށްފައިވެއެވެ.

މިމައްސަލަތަކުގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 11.62 ކިލޯގްރާމް ހުރިކަމަށް ކަސްޓަމުން ހާމަކޮށްފައިވެއެވެ. އަދި މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައިވާކަމަށް ކަސްޓަމުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން