ސަރުކާރުގެ ވިސްނުނާއި ދެކޮޅަށް ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުއްލިއަކަށް ނިންމި ނިންމުން އެއީ ބަޣާވާތެއްގެ ގޮތުގައި ސަރުކާރުން ސިފަކުރުމަކީ ތާރީހުގައި ވެސް ލަދުވެތި ދުވަހެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ސިފަ ކުރައްވައިފި އެވެ.

ބީއެމްއެލްގެ ރުފިޔާ އެކައުންޓުން ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްްއެލުން ނިންމީ މިދިޔަ އާދިއްތަ ދުވަހު އެވެ. ނަމަވެސް ހަމަ އެ ދުވަހު މެންދުރުފަހު އެ ނިންމުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އެ ނިންމުމަކީ ސަރުކާރުގެ އިރުޝާދާ ދެކޮޅަށް ނިންމި ނިންމުމެއްކަމަށާއި އަދި އެއީ ބަޣާވާތެއް ކަމަށް ފަހުން ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އިދިކޮޅު އެމްޑީޕީން ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ ފުލުހުންވެސް މިހާރު ވަނީ އޭގެ ތަހުގީގު ފަށައިފަ އެވެ.

އެމްޑީޕީން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވަނީ ސަރުކާރުން ދެއްކި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ފައްޔާޒް ވިދާޅުވީ ދައުލަތުގެ މާލިއްޔާ އޮތީ ވަރަށް ނުބައި ހިސާބަކަށް ގޮސްފައި ކަމަށާއި އޭގެ ސަބަބަކީ ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ.

އެކަންކަން ފޫބެއްދުމަށް "ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާހާވެސް ކަަމަކީ އިތުރު ދޮގުތައް ހެދުން" ކަމަށާއި އަދި އެހެން މީހުން ދޮގު ހައްދަވާކަމަށް މާނަކުރެވޭ ގޮތަށް މަންޒަރު ބަދަލުކޮށްލަން މަސައްކަތް ކުރުން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

އަދި ރައީސް މުއިއްޒުއަށް ވާއެއް ނުވާއެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ފައްޔާޒް މިއަދު ވިދާޅުވި އެވެ.

"އިއްޔެގަ އެއީ ލަދުވެތި ދުވަހެއް. މި ވޭތުވެދިޔަ ދިވެހިރާއްޖޭގެ ދިގު ތާރީހުގައި ލަދުވެތި ދުވަހެއް. ދިވެހިރާއްޖޭގެ ވެރިއަކު، ދިވެހި ސަރުކާރުން ނުކުމެ، މާލީ ބަޣާވާތެއް ގެންނަން އުޅެނީއޭ ކިޔައިގެން ދެއްކި ވާހައަކީ އަޅުގަނޑުމެން މިތާ ތިބެގެން ދައްކަން ވެސް ލަދުވެތި ވާހަކައެއް. ގައުމެއްގެ ވަލިއްޔުލް އަމްުރު ނިކުންނަވާ ގޮތް ހުސްވެގެން ހެދުނު ގޯސްތައް އެހެން ގޮތަކަށް ބަދަލުކޮށްލަން ވެސް ދައްކަވާވަރުގެ ވާހަކައެއް ނޫން މިއީ." ފައްޔާޒް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން