ގާނޫނުތައް ބަދަލުކޮށްގެން ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތި ހާލަތުން އަރައިނުގަނެވޭނެ ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ، މާލީ ހާލަތުން އަރައިގަތުމަށް ގާނޫނުތަކަށް ބަދަލު ގެންނަ ވާހަކަ ސަރުކާރުން ބުނަމުންގެންދާ ކަމަށެވެ. އެހެން ނަމަވެސް ގާނޫނުތައް ބަދަލުކޮށްގެން މާލީ ކަންކަމުން އަރައިނުގަނެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ. ރާއްޖޭގެ މާލީ ހާލަތު އޮތްގޮތް ރައީސާއި މާލީ ވަޒީރަށް އެނގިވަޑަައިނުގަންނަވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ބަޣާވާތެއް ކުރި ކަމަށް ސަަރުކާރުން ތުހުމަތުކުރުމަކީ އެ ބޭންކްގެ އިތުބާރާ މެދު ދުނިޔޭގެ މާލީ އިދާރާތަކުން ސުވާލުއުފައްދާނެ ކަމެއް ކަމަށެެވެ. ސަރުކާރުގެ ތުހުމަތާއެކު ބީއެމްއެލްގެ ބޯޑާއި މެނޭޖްމެންޓް މިހާރު ވެފައި ވަނީ "ސަސްޕެކްޓެޑް ކްރިމިނަލްސް" އަށް ކަމަށް އަމީރު ވިދާޅުވިއެވެ. އެ ބޮޑު ތުހުމަތާއެކު ކޮރެސްޕޮންޑެންޓް ބޭންކްތަކުން ރާއްޖެއަށް ޚިދުމަތްދިނުން ހުއްޓައިލައިފި ނަމަ ނުކުންނާނެ ނަތީޖާ އާ މެދު ސަރުކާރުން ވިސްނަންޖެހޭ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

"މާދަމާ ވެސް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ ޑިޕޮޒިޓް ބޭންކް އޮފް މޯލްޑިވިސް އިން ނަގާފައި އެހެން ތަނަކަށް ބަދަލުކުރުމުގެ ފުރުސަތު އެހުޅުވާލަނީ ސީދާ ރައީސުލްޖުމުހޫރިއްޔާ. ރައީސުލްޖުމުހޫރިއްޔާގެ ކެބިނެޓުން. މިކަންތައްތައް ކުރަން މާދަމާ ވެސް އަޅުގަނޑުމެން ގޮސްފައި ފައިސާ ހޯދަންޖެހޭ ހާލަތެއްގައި މިރާއްޖޭގެ މާލިއްޔަތު އޮތްއިރު ފިނޭންސް މިނިސްޓަރު ޖެހޭނެ ނޫންތޯ ރައީސުލްޖުމުހޫރިއްޔާ އަށް އެވާހަކަ ކިޔައިދޭން. ހައްލަކީ މި ގެންނަނީ ތިމަންނަމެން މާދަމާ ވެސް އެޓާނީ ޖެނެރަލް ވެސް އެ ފާހަގަކުރަނީ ގާނޫނުތައް ބަދަލު ކޮށްގެން އިތުރަށް ފައިސާ ހޯދާނީއޭ. ގާނޫނުތަށް ބަދަލުކޮށްގެން މާލީ ކަންކަމުން އަރައެއް ނުގަނެވޭނެ. އެއަށްވުރެ ރަނގަޅަށް އެބޭފުޅުން އެކަންތައްތަށް ކުރަންޖެހޭ" އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ވޭތުވެ ދިޔަ ނުވަ މަސްތޭރެގައި ސަރުކާރަށް ލިބުނު ބޭރުގެ އެހީއެއް ނެތް ކަމަށެވެ. މި ސަރުކާރަކީ ނާގާބިލް ސަރުކާރެއް ކަމަށާއި މާލީ ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންތައްތައް ސަރުކާރަށް ނޭނގޭ ކަމަށް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން