ތިން އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކޮށް ނިމޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގެ ގޭބިސީތަކުގައި ކަރަންޓް ސްމާޓް މީޓަރު ހަރުކޮށް ނިންމުން ފާހަކުރުމުގެ ގޮތުން ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިހާރު ހަރުކުރަމުންދާ ސްމާޓް މީޓަރުތަކާއެކު ކަރަންޓު ބޭނުންކުރެވޭ މިންވަރު ދެން އާންމުންނަށް އެނގޭނެ ކަމަށާއި އެއާއެކު ކަރަންޓު އިގުތިސާދުކުރުމުގެ ފުރުސަތުވެސް ދެން އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސްމާޓް މީޓަރު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ.

އަދި ފެނަކައިން ސްމާޓް މީޓަރުތައް ހަރުކުރަކުމުންދާ އިރު ސްޓެލްކޯއިން ވެސް އެކަމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާމު ސްޓެލްކޯއިން ވެސް ޑިޖިޓަލް ސްމާޓް މީޓަރު އެ ބޭފުޅުންގެ ރަށްތަކުގައި ވެސް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ. ހަމަ އެގޮަތަށް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ފެނަކައިގެ ވެސް ދެން ހުރި ރަށްރަށުގައި ކުރިއަށް އޮތް ތަނުގައި ރޯލް އައުޓްކޮށްގެން ގޮސް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ހުރހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓާސް ހަރުކުރެވިގެންދާނެ ކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސްމާޓް މީޓަރު ގޭބިސީތަކާއި ސަރުކާރުގެ ތަންތަނާއި ވިޔަފާރިތަކުގައި ހަރުކުރެވުމުން ކަރަންޓުގެ ހަރަދުކުޑަ ކުރުމަށް އިތުރަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން