އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި އެކަން އިފްތިތާޙް ކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި ޞަދަޤާތް ކުރުމަށް ޚާއްސަ ޕޭޖެއް ޤާއިމްކޮށް އެކަން އިފުތިތާހުކޮށްދެއްވީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ޞަދަޤާތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ޞަދަޤާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތުން ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޝަހީމް އެދިވަޑައިގެންނެވިއެވެ. 

މިގޮތުން މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުމަށާއި، ޢުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވުމަށާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް އެހީވުމަށާއި، މިސްކިތް ބިނާކުރުމަށް އެހީވުމަށާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުމަށާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުން ހިމެނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި މިކަމަށްޓަކައި ޤާއިމްކޮށްފައިވާ ޕޭޖުން ޞަދަޤާތްތަކާއި ގުޅޭ ޚަބަރުތަކާއި، އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ޤާއިމްކުރާ މިސްކިތްތަކުގެ މަޢުލޫމާތާއި ފަންޑުތަކުގެ ރިޕޯޓު ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން