ރައީސުލްޖުމްހޫރިއްޔާއަކު އަވަހާރަކޮށްލުމަށް ދޭ ހަމަލާއެއް ލުއިކޮށް ޝައްކު އުފައްދައި ހަދައިގެން ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރޭ ސަންގު ޓީވީން ގެެނެސްދިން ޕްރޮގްރާމެއްގައި އަބްދުއް ރަހީމް ވަނީ 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއާމެދު ޝައްކު އުފައްދަވައިފަ އެވެ.

އަދި އެއީ އެ ލޯންޗުގައި އިންނެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކުޅުއްވި ޑްރާމާއެއް ނޫންބާއޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.

އެ ގޮވުމުގައި ރައީސް ޔާމީނަށް އަނިޔާއެއް ލިބިވަޑައިނުގެންނެވި ނަމަވެސް އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ޒަހަމްވެވަޑައިގެންނެވި އެވެ.

އަބްދުއްރަހީމް އެފަދައިން ވިދާޅުވުމުން އުމަރު ނަސީރު ފޭސްބުކްގައި ވަނީ އަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކު އަވަހާރަ ކޮށްލުމަށް ހަމަލާ އެއްދިނުމަކީ ކުޅޭކުޅޭ ކަމެއްނޫން ކަމަށެވެ.

"އެފަދަ ކަންކަން ލުއިކޮށްލާ، ޝައްކު އުފައްދާ، ކައްޗާ ދުއްވުމުގެ ނަތީޖާ ހިތިވާނެ. ދައުލަތުގެ އިސް މަޤާމްތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ވާހަކަ ދައްކަވާކަށް ނުވާނެ." އުމަރު ވިދާޅުވި އެވެ.

އެ ހާދިސާ ހިނގިއިރު ހޯމް މިނިސްޓަރގެ މަގާމުގައި ހުންނެވި އުމަރު ނަސީރު އެ ހާދިސާގެ ތުހުމަތު އެންމެ ބޮޑަށް ކުރެއްވީ އޭރުގެ ނާއިބު ރައީސް އަހުމަދު އަދީބަށެވެ. އަދީބާއި އުމަރަކީ އޭރުވެސް ވަރަށް ބޮޑަށް ޚިޔާލު ތަފާތު ދެބޭފުޅުންކަމަށް ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން