ސަފީރަކަަށް އުނދަގޫކޮށް އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސަފީރަކަށް އުނދަގޫކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ފަދަ އަމަލުތަކެއް ހިންގި ކަމަށް ބުނެ ދެ އަންހެނަކު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުންދިޔަ ދެ އަންހެނުންނެވެ. އެ ދެ މީހުން އުނދަގޫކުރީ ސައުދީ ސަފީރަށްކަންވެސް ވަނީ އެނގިފައެވެ.

އިހުތިޖާޖުކުރަމުން ދިޔަ ދެ އަންހެނުން ހައްޔަރުކުރި މައްސަލާގައި ރޭ އަދާލަތު ޕާޓީން ބުނީ މިއީ ވަރަށް ނާތަހުޒީބު އަދި ދީނީ ހަމަތަކުން ބެލި ނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ދިވެހި ސަރުކާރުން ފަލަސްޠީނު މައްސަލާގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ރަނގަޅު ހެޔޮ ސްޓޭންޑް ބަދަލުވެފައިވާ ކަމަށް ބުނުމުގެ ޖާގަ މިހާރު އެބައޮތް ކަމަށް އަދާލަތު ޕާޓީން އިއްޔެ ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު މިއަދު އެކްސްގައި ވިދާޅުވީ ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ގޯނާކުރުމަކީ ފަލަޞްޠީނަށް ނަޞްރުދިނުމެއް ނޫން ކަމަށެވެ.

"އެތަށް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި އެބޭފުޅާއާއި އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން."އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން