އަހުޒަމް އަޙްމަދު   29 އޯގަސްޓު 2024 - 9:8
ރާއްޖޭގެ ޖީޑީޕީ ދަށަކަށް ނުދާކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު އެފަދައިން ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާ ގުޅިގެން ނެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އަސަރުކުރަން ފެށީ 2016 އިން ފެށިިގެން ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ބީޓޫ ރޭޓިންއަކަށް ދަށްކުރުމާ ހަމައިން ކަމަށެވެ.

އޭގެ ފަހުން ވެސް ރާއްޖެއަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް އެ ގޮންޖެހުންތަކާ އެކުވެސް ކްރެޑިޓް ރޭޓިން ރަނގަޅުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މި ވެރިކަން ފެށުނު ފަހުން އަނެއްކާވެސް ރޭޓިން ދަށްކުރި ކަމަށާއި އަދި އިންޑިއާއާއެކު ގުޅުން ގޯސްވެ ޓޫރިޒަމަށް އަސަރުކުރި ކަމަށް އަމީރު ވިދާޅުވިއެވެ.

އަދި ސަރުކާރުން ބޭކާރު ހަރަދުތައް އިތުރުކޮށްފައިވާ ކަމަށާއި އެހެންވެ އިގުތިސާދީ ހާލަތުން އަރައިގަތުމަށް ވަގުތުން ފިސްކަލް ރިފޯމްތައް ގެެނެސް އަދި ހަރަދުތައް ކުޑަކުރަން އަމީރު ގޮވާލެއްވި އެވެ.

އަމީރަށް ރައްދު ދެއްވައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީ ދަށް ނުވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ އިގުތިސާދަށް އަސަރެއް ކޮށްގެން އުޅޭ ނަމަ އެއީ ކުރީ ސަރުކާރުގައި މާލީ ނިޒާމް ހަލާކުކޮށްލުމުން ވެގެން އުޅޭ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

އެގޮތުން އެއީ ކުރީ ސަރުކާރުގައި އިންތިހާއަށް ފައިސާ ޗާޕުކުރުމާއި ބެލެންސް ޝީޓް އެކްސްޕޭންޑް ކުރުމާއި ބޮންޑްތަކަށް ދައްކަން ޖެހޭ ފައިސާ ދިނުން ފަސްކުރުމުން ދިމާވި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ހަމަ އިންތިހާބު ކާމިޔާބުކުރަން [ކުރީ ސަރުކާރުން] ކުރިހާ ކަންކަން. ބޮޑު ލަދުވަތިކަމެއް." ސައީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން