ރައީސް، ޑރ. މުހައްމަދު މުއިއްޒު އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވާ ގޮތަށް ރައީސް މުޢިއްޒު ނިއްމެވުމާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކަމާ ގުޅިގެން މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މިއަދު ރައީސް އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، މި ސިނާޢަތުގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ކަމަށެވެ. އަދި ސަރުކާރުން މަސްވެރިންގެ އަޑުއަހާ މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މި ސިނާޢަތް ބައްޓަންކުރުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިސިނާޢަތް އިތުރު ހަރުފަތަކަށް ގެންގޮސް ރައްޔިތުންނަށާ ޚާއްޞަކޮށް މަސްވެރި ޢާއިލާތަކަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެވޭނެ." ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރާއްޖޭގައި ލޭނު މަސްވެރިކަމުގެ ހުއްދަ ދޭން ވަޒީރުންގެ މަޖީލީހުން ނިންމި ނިއްމުމަށް އަމަލު ނުކުރަން ރައީސް ނިންމަވާފައިވާ ކަަމަށެވެ. އެމަނިކުފާނު އެގޮތަށް ނިންމެވީ ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަންގެ ފަރާތުން ހުށަހެޅި ކަންތައްތަކަށް ރިއާރަތްކޮށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސް އޮފީހުން ބުނީ ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސް ނިންމެވި ނިންމެވުމާ ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާ ބައްދަލުކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން