ފުލުހުންގެ ޚިދުމަތުން ކުރާ ތަހުގީގަކާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސްގެ އިސްތިއުފާ އަށް ގޮވުމަކީ ވަރަށް ޣައިރުޒިންމާދާރު އަމަލެއް ކަަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް ލޭންޑް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ފުލުހުން ތަހުގީގެއް ފެށުމަކީ ބަޔަކު މީހުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ތަހުގީގެއް ފަށަނީ ބަޔަކު ކުށްވެރިވެގެން ނޫން ކަމަށާއި ތަހުގީގެއް ކުރިޔަސް އޭގެން އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ފިޔަވަޅު އަޅާނީ ތަހުގީގުން ކަމެއް ސާބިތުވުމުންކަމަށެެވެ.

"ފުލުހުންގެ ޕްރައިމަރީ އެއް މަސައްކަތަކީ ތަހުގީގްކުރުން، ތަހުގީގުކުރަން ފެށީމަ އިސްތިއުފާ ދޭންޖެހޭ ކަމަށް ވަނީވިއްޔާ ތާކުން ތާކުޖެހޭ ކަމެއް ނޫނެއް ނޫންތޯ މިކުރަނީ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން ސިޔާސީ ފަރާތްތަކުގެ ކިބައިން ސިޔާސީ ކަންކަމުގެ ތެރެއަށް މޯލްޑިވިސް ޕޮލިސް ސާރވިސް ނުބާނާށޭ" އިހުސާން ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ ބަޣާވާތެއްގެ ގޮތުގައި ތުހުމަތު ކުރެވިގެން މި މައްސަލަ ތުހުމަތު ކުރަމުން ދަނީ ވަރަށް އިއްތިފާގުތަކެއް މިކަމުގައި ހިމެނޭތީ ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ގިނަ ރައްޔިތުންތަކަކަށް އަސަރު ކުރާނެ ނިންމުމެއް ނިންމި ވަގުތާއި އިދިކޮޅު ޕާޓީއަކުން ރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ގޮތުން ޕްރެސް ކޮންފަރެންސްއެއް ބޭއްވި ވަގުތާ ދިމާވުމާއި އެކްސްގައި ފައިސާ ދައްކައިގެން ބޮޓް އެކައުންޓްތަކެއް ބޭނުންކޮށްގެން ވެރިކަން ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅަށް ވަދެގަތުމަށް ގޮވާލާ ޕޯސްޓްތަކެއް ކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ ރާއްޖޭގައި މާލީ ބަޣާވާތެއް ގެންނަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ހިންގަން ފެށި ތަހުގީގަށް، ރާއްޖޭގެ ވެރިކަން ވައްޓާލުމަށް މަގުތަކަށް ނިކުތުމަށް ގޮވާލި އެކްސް އެކައުންޓްތަކަކީ ފައިސާ ދައްކާފައިވާ އެކައުންޓްތަކެއްކަން ފާހަގަވެފައިވާކަމަށެެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަނީ މިއީ ބަޣާވާތެއްކަމަށް ޝައްކު ކުރެވިގެން ކަމަށާއި ތަހުގީގު ކުރަނީ އެއީ ބަޣާވާތެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށްކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. މީގެ އިތުރުން ސިޔާސީ ވާހަކަތަކުގެ ތެރެއަށް ފުލުހުންނާއި ޔުނީފޯމްއެޅި އެހެނިހެން އިދާރާތައް ނުވެއްދުމަށްވެސް އިހުސާން ވަނީ ގޮވާލައްވާފައެވެ.

އިހުސާން މިހެން ވިދާޅުވެފައިވަނީ މާލީ ބަޣާވާތުގެ ތަހުގީގާއި ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާޢު އިސްތިއުފާ ދޭން އެމްޑީޕީގެ ޗެއާޕާސަން ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން