ދިވެހިރާއްޖެ އިން ތުރުކީވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓިނެޓް ޖެނެރަލް (ރިޓަޔާޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފު، ސަފީރުކަމުގެ ފަތްކޮޅު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާނަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ބާއްވަވާފައިވަނީ ތުރުކީގެ އަންކާރާ ގައި ހުންނަ ރިޔާސީ ގަނޑުވަރުގައެވެ. ސަފީރު ޢަބްދުއްރަޙީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައީސް އުރްދުޣާނަށް ހެޔޮއެދުން އަރިސްކުރައްވައި، ތުރުކީން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

މިބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން ރާއްޖެ އާއި ތުރުކީއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ޢަބްދުއްރަޙީމް ވަނީ ރައީސް އުރްދުޣާން އަށް އަރުވާފައެވެ.

ތުރުކީ ސަފީރުކަމާ ޢަބްދުއްރަޙީމް ހަވާލުވެވަޑައިގަތުމުން އޭނާ އަށް ރައީސް އުރުދުޣާން ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ތުރުކީ އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވިއެވެ.

ލެފްޓިނެޓް ޖެނެރަލް (ރިޓަޔާޑް) ޢަބްދުއްރަޙީމަކީ ދިވެހިރާއްޖޭގެ އަސްކަރީ ދާއިރާގެ އެކި މަގާމުތަކުގައި މެދުނުކެނޑި 39 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާ ފުރަތަމަ ރެޒިޑެންޓް ސަފީރުކަމުގެ ގޮތުގައި އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

މި ރަސްމިއްޔާތުގައި ޢަބްދުއްރަޙީމްގެ އަރިހުގައި އަނބިކަނބަލުން އާމިނަތު ދިހްޝާނާ އާއި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، އާމިނަތު ޝަޒްލީ ސަލީމް އަދި ސެކަންޑް ސެކްރެޓަރީ އިސްމާއީލް ނިޔާޒް ބައިވެރިވެވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން