ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް ދަށްކޮށްފައި ވަނީ ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ދުނިޔޭގެ ކްރެޑިޓް ރޭޓިން ފާމް "ފިޗް" އިން ރާއްޖެއަށް ދީފައިވާ ރޭޓިން "ސީސީސީ" އިން "ސީސީ" ގްރޭޑިން އަށް ވަނީ ދަށްކޮށްފަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރޭޓިންގްސް ދަށްވުމަކީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެމްޑީޕީން ބުނީ ރިޔާސީ އިންތިހާބަށް ފަހު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި ނުވާ ކަމަށާއި މިއީ އެމްޑީޕީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ އިދާރާތަކުގެ އިތުބާރު އޮތް ކަމާއި އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާތަކަށް އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ދެވަނަ ފަހަރަށް، އަދި އެއްފަހަރާ ތިން ދަރަޖަ ތިރިއަށް ކްރެޑިޓް ރޭޓިން ދަށްކުރުމުން ދައްކުވައިދެނީ މިހާރުގެ ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން މާލީ ހާލަތު އިންތިހާއަށް ގޯސްވަމުންދާ ކަން ކަމަށެވެ. އަދި މާލީ ހާލަތު ގޯސްވަމުންދާކަން ރަމްޒުކޮށްދޭ ކަންކަމުގެ ތެރޭގައި ދައުލަތުގެ ހަރަދު ބޮޑުވުމާއި މާލީ އިސްލާހުތައް ލަސްކުރުމާއި ރާއްޖޭގެ ރަސްމީ ރިޒާވް މެނޭޖްނުކުރެވި ދަށަށް ދިއުމާއި ބޭރުން ފައިސާ ހޯދުމަށް ނުކުޅެދިފައިވުން ހިމެނޭ ކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެެވެ.

އެމްޑީޕީން ވަނީ ރޭޓިން ދަށްކުރުމަށް މެދުވެރިވި ސަބަބުތައް ވަރަށް ތަފްސީލުކޮށް ނޫސްބަޔާނުގައި ހާމަކޮށްފަ އެވެ. އަދި ރޭޓިން ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅު ތައް އެޅުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން