އަންހެނަކު ރަހީނުކޮށްގެން އުޅެނިކޮށް އަނިޔާވި ފިރިހެން މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފި އެވެ.

މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނުކޮށް ވަޅިިން ބިރުދައްކައިގެން ރޭ އުޅުނީ އަހުމަދު އަތުހަރު، ހެޕީލޭންޑް، ށ. މިލަންދޫ އެވެ.

އޭނާ މަގުމަތީގައި ވެސް އުޅުނީ އަންހެން މީހާ ރަހީނުކޮށް އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ނެވެ. އަދި އެންމެންގެ ކުރިމަތީގައި ބުނަމުން ދިޔައީ އަންހެން މީހާ މަރާލާނެ ކަމަށެވެ.

ނަމަވެސް އޭނާގެ ފުރަގަހުގައި ހުރި ފުލުހަކު ވަނީ އޭނާގެ ބޮލުގައި މުގުރަކުން ޖަހައި އަންހެން މީހާ ސަލާމަތްކޮށްފަ އެވެ.

މުގުރުން ޖެހުމުން އެ ފިރިހެން މީހާގެ ބޮލަށް ވެސް ގެއްލުން ލިބުނެވެ.

މިހާދިސާގެ ތެރެއިން ފިރިހެން މީހާއަށް އަނިޔާވެފައިވާތީ އޭޑީކޭގައި ފަރުވާ ދެމުންދާ އިރު އަންހެން މީހާއަށް ވެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ ތެރެއިން ފިރިހެން މީހާގެ ހާލު މިހާރު ރަނގަޅުކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

ނަމަވެސް އެ ފިރިހެން މީހާއަށް ލިބުނު ގެއްލުމުގެ އިތުރު ތަފްސީލެއް ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން