ތެލުގެ އަގު މިހާރަށްވުރެ ކުޑަކޮށްދެއްވުމަށް ސަރުކާރުގައި މަސްވެރިން އެދިއްޖެއެވެ.

މިހާރު ލިބޭ އަގަށްވުރެ ތެލުގެ އަގުތައް ކުޑަކޮށްދޭން މަސްވެރިން އެދިފައި ވަނީ ނައިފަރު މަސްވެރިންނަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހިންގި ބައްދަލުވުމެއްގެ ތެރެއިންނެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބޭއްވި މި ބައްދަލުވުމުގައި އާރްއެސްޑަބްލިއު ލޯނުގެ މައުލޫމާތާއި އެ ވުޒާރާގެ އެހެން މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ނައިފަރު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ މަސް ދޯނިފަހަރުގައި އާރްއެސްޑަބްލިއު އެޅުމަށް އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުގެ މައުލޫމާތު ދެއްވާފައެވެ. އަދި ސަރުކާރުން ދާދިފަހުން ހުޅުވާލާފައިވާ މަސްވެރިންގެ ދަފްތަރާއި އޭގެ ފައިދާތަކުގެ މައުލޫމާތުވެސް ހިއްސާކުރެއްވިއެވެ.

މަސްވެރިންގެ ދަފްތަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ، މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުމުގެ ވައުދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މަސްވެރިންގެ ވުޒާރާއިން ކުރިއަށް ގެންދާ އެހެނިހެން މަޝްރޫއުތަކުގެ މައުލޫމާތުވެސް ވަޒީރު މަސްވެރިންނާ ހިއްސާކުރެއްވިއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ އެ ބައްދަލުވުމުގައި މަސްވެރިން އެދުނީ މަސްވެރިންނަށް ލިބޭ ތެލުގެ އަގު މިހާރަށްވުރެ ކުޑަކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ކަމަށެވެ. އަދި އޭގެ އިތުރުންވެސް މަސްވެރިކަމުގައި ދިމާވާ އެހެނިހެން ދަތިތައް މަސްވެރިން ވަޒީރާ ހިއްސާކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން