މާލޭގައި ރޭ އަންހެނަކު ރަހީނު ކުރި ހާދިސާގައި އެއަންހެން މީހާ ސަލާމަތް ކުރި ފުލުހުން ބާރުގެ ބޭނުންކުރީ ރަނގަޅަށް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭ ފިރިހެނަކު ވަޅިން ބިރުދައްކައިގެން ރަހީނުކޮށްގެން އުޅުނު އަންހެންމީހާ ސަލާމަތްކުރަން ފުލުހުން ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. އެފިރިހެން މީހާ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން އަންހެން މީހާ ދުއްވަން ހުރި ސައިކަލު ފަހަތަށް އަރައި ސައިކަލު ދުއްވުމަށާއި ފުލުހުން އޭނާއާއި ކައިރި ނުވުމަށާއި ކައިރިވެއްޖެނަމަ އަންހެންމީހާ މަރާލާނެ ކަމަށް ބުނެ ފުލުހުންނަށް ވަނީ އިންޒާރުދީފައެވެ.

އޭނާ ސައިކަލުން ވަކި ހިސާބަކަށް ގޮސް މަޑު ކުރިތަނުން ފަހަތުން ދިޔަ ފުލުހަކު ވަނީ އެފިރިހެން މީހާއަށް މުގުރުން ހަމަލާދީ، ސައިކަލުން ވައްޓާލައި އޭނާ ހައްޔަރުކޮށްފައެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރަހީނުކުރި އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގަނީ ކަމަށް ބުނެ ބައެއް މީޑިޔާތަކުން ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

އެކަމާ ގުޅިގެން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިހުސާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ދޮގު ވާހަކައެއް ކަމަށެވެ. ފުލުހުން އެވަގުތު ކުރީ ހިތްވަރުގަދަ މަސައްކަތެއް ކަމަށް ވިދާޅުވެ އިހުސާން ވަނީ ފުލުހުންނަށް ތައުރީފް ކުރަށްވާފައެވެ.

ފުލުހުންގެ މަސައްކަތުން ރަހީނު ކޮށްފައިވާ އަންހެން މީހާ ސަލާމަތް ކުރެވުނު ކަމަށް ވެސް ވަޒީރު އިހުސާން ވިދާޅުވިއެވެ.

"އެކަމަށްޓަކައި ފުލުހުންނަށް ސާބަސް ދަންނަވަން. ފުލުހުން ބާރުގެ ބޭނުން ކުރިގޮތް ތަހުގީގު ކުރަން އަންގާފައި ނުވާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ށ. މިލަންދޫ، ހެޕީލޭންޑް، އަހުމަދު އަތުހަރެވެ. މީގެ ކުރިން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އެމީހާއަކީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުން ރައީސުލްޖުމުހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ދޫކޮށްލާފައިވާ މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން