ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ އެއް ލޭނު މަދުވެގެން ރައީސް ޔާމީން، އަބުދުލްގައްޔޫމް ބަވާލުމުން އެމަނިކުފާނަށް ކީރިތި ކުރެއްވުނު ކަމަށް އޭރުގެ ހައުސިން މިނިސްޓަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސަންގު ޓީވީ އަށް ދެއްވި އެސްކުލޫސިވް އިންޓަވިއު އެއްގައެވެ. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ އެއް ލޭނު މަދުވެގެން ރައީސް ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ކީރިތިކުރެއްވެންދެން ބަވައިލި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވާތީ އެކަމާ ބެހޭގޮތުން ސުވާލު ދެންނެވުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޢަބުދުއްރަޙީމް ދެއްކެވީ ރަނގަޅު ވާހަކަފުޅެއް ކަމަށާއި ބްރިޖުގެ ލޭނެއް މަދުކުރި ކަމަށް ވިދާޅުވެ ރައީސް ޔާމިން އެމަނިކުފާނަށް "ބަވާލި" ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ ޔާމިން ބަވާލުމުން އެމަނިކުފާނަށް ކީރިތި ކުރެއްވުނު ކަމަށެވެ. އަދި ޔާމިން ވަރަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ކޯފާ އިސްކުރައްވައި ބްރިޖް ނުހުޅުވޭނެ ކަމަށް ވިދާޅުވި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑަށް ހަމަ ރޮވުނު، ޔާމިން ވިދާޅުވި ބްރިޖެއް ނުހުޅުވޭނެއޭ ބްރިޖް ހުޅުވުން ކެންސަލްކުރާށޭ،" އޭރުގެ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި މުޢިއްޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް މީގެ ކުރިން ވިދާޅުވީ ޔާމީންގެ ހިތްޕުޅުގައި މީގެކުރިންވެސް މުއިއްޒާމެދު ހިތްޕުޅު ހަމަނުޖެހުން އޮތް ކަމަށާއި ތިން ފަހަރެއްގެ މަތިން ހައުސިން މިނިސްޓަރުގެ މަގާމުން ވަކިކުރަންވެސް އުޅުއްވި ކަމަށެވެ. އަދި ބްރިޖުން ލޭނެއް މަދުކުރި ކަމަށް ވިދާޅުވެ ކެބިނެޓް މިނިސްޓަރުން ކުރިމަތީގައި ޔާމިން ރަައީސް މުޢިއްޒަށް ބަވާލި ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

"އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ބަވާލި މަންޒަރާއި އެ އަޑު އަހާނެ އޭރު ކެބިނެޓުގައި ތިއްބެވި ވަޒީރުން ވެސް އަދި އަޅުގަނޑުމެންވެސް. ރައީސް މުއިއްޒު ކީރިތި ކުރައްވަންދެން ބަވާލި، އެ ދުވަހު ޔާމީން ވިދާޅުވީ އެއް ލޭން މަދުކަން ތިމަންނަ އަށް މިއަދުއޭ މި އެނގުނީ ކިޔާފައި މުއިއްޒަށް ހެސްކިޔާފައި ބަވާލީ." އަބުދުއްރަޙީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން