ސަރުކާރުން އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް ދީ ނިންމުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާތައް މި ދެ މަސް ތެރޭގައި ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަންނަ ނޮވެންބަރު މަހުގެ ކުރިން އެ ފައިސާ ދީ ނިއްމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން މިހާތަނަށް މަސްވެރިންނަށް އެކަނި ވެސް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި ބާކީ ހުރި ފައިސާ ވެސް ވަރަށް އަވަހަށް ދީ ނިއްމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ގައުމުގެ އިޤްތިޞާދު މިހާރު ރަނގަޅުވަމުންދާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، "ފަރުދާގެ ފުރަގަހުގައި" ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ނިންމަން މި އަހަރަށް ކަނޑައެޅި ބައި ނިންމުމު މަަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ގެދޮރުގެ މަޝްރޫއުތަކަށް ވެސް އިންޑިއާ އާއި ޗައިނާ އިން "އެކި ކަހަލަ ފުރުސަތުތައް" ހަމަޖެހެމުންދާ ކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ އިޤްތިޞާދު ރަނގަޅު ކުރަމުން އަންނަނީ ރަނގަޅު ބިންގަލެއްގެ މަތީގައި ކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ގެނައުމަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރަނީ ފައިސާ ޗާޕުނުކޮށް ކަމަށާއި ޑޮލަރު އިތުރު ކުރުމަށް ޤާނޫނީ ބަދަލުތަކާއި ނިޒާމީ ބަދަލުތަކެއް ވެސް ގެންނަން ނިއްމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން