ޕްރެސް ކޮންފަރެންސެއް ބާއްވާއިރު ވެސް ބައިވަރު އެހެން "އިއްތިފާގުތަކެއް" ދިމާވާނަމަ ޝައްކު އުފެދެމުގެ ޖާގަ އޮންނާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން މިހެން ވިދާޅުވީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެެވެ. އެގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ ހަފްތާގައި އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ފަރާތުން ޕްރެސްއެއް ބޭއްވުމަށް ވިސްނަމުންދާ ކަމަށެވެ. ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ނުވާ ގޮތަށް އެކަން ކުރަން އެންމެ ރަނގަޅު ދުވަހަކާއި ވަގުތަކީ ކޮބައިތޯ އިހުސާނާއި ޕޮލިސް އަދި ހޯމް މިނިސްޓްރީ ޓެގު ކުރައްވައި އަމީރު ވަނީ ސުވާލު ކުރަށްވާފައެެވެ.

"އަންނަ ހަފުތާގެ އެއްވެސް ދުވަހަކު ދައުލަތުގެ އެއްވެސް އިދާރާއަކުން ބޮޑު ނިންމުމެއް ނިންމައި އިއުލާނު ކުރުމަށް ހަމަޖެހިފައިވޭތޯ؟" އަމީރު ސުވާލުކުރެއްވި އެވެ.

އެކަމާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޕްރެސްއެއް ބޭއްވުމަކީ ގާނޫނާ ގަވާއިދާ ހިލާފު ކަމެއް ނޫން ކަމަށެވެ. ޕްރެސް ބޭއްވުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނާންގާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އެކަމަކު ޕްރެސް ބާއްވާ ގަޑީ ބައިވަރު އެހެން އިއްތިފާގުތައް ދިމާވިއްޔާ ޝައްކު،" އިހުސާން ވިދާޅުވި އެވެ.

ޑޮލަރުގެ މުއާމަލާތާއި ގުޅިގެން ބޭންކު އޮފް މޯލްޑިވިސް އިން ކުއްލިގޮތަކަށް ނިންމި ނިންމުމަކީ ޣައިރު ގާނޫނީ ގޮތުން ސަރުކާރު ވައްޓާލަން ހިންގި ކަމެއް ކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ ޖިނާޢީ ތަހުގީގެއް ފަށާފައެވެެ. އެކަމުގައި އިދިކޮޅު އެމްޑީޕީގެ ބައިވެރިވުން އޮތް ކަމަށް ރައީސް މުޢިއްޒު އާއި ސަރުކާރުގެ ވަޒީރުން ވެސް ތުހުމަތުކުރައްވައެވެެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ބަޣާވާތެއްގެ ގޮތުގައި ތުހުމަތު ކުރެވިގެން މި މައްސަލަ ތުހުމަތު ކުރަމުން ދަނީ އިއްތިފާގުތަކެއް މިކަމުގައި ހިމެނޭތީ ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ގިނަ ރައްޔިތުންތަކަކަށް އަސަރު ކުރާނެ ނިންމުމެއް ނިންމި ވަގުތާއި އިދިކޮޅު ޕާޓީއަކުން ރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ގޮތުން ޕްރެސް ކޮންފަރެންސެއް ބޭއްވި ވަގުތާ ދިމާވުމާއި އެކްސްގައި ފައިސާ ދައްކައިގެން ބޮޓް އެކައުންޓްތަކެއް ބޭނުންކޮށްގެން ވެރިކަން ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅަށް ވަދެގަތުމަށް ގޮވާލާ ޕޯސްޓްތަކެއް ކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މާލީ ބަޣާވާތެއް ގެންނަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ހިންގަން ފެށި ތަހުގީގުގައި، ރާއްޖޭގެ ވެރިކަން ވައްޓާލުމަށް މަގުތަކަށް ނިކުތުމަށް ގޮވާލި އެކްސް އެކައުންޓްތަކަކީ ފައިސާ ދައްކާފައިވާ އެކައުންޓްތަކެއްކަން ފާހަގަވެފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން