މަނީލޯންޑަރިންގެ ތުހުމަތު ކުރެވޭ އިންޑިއާ މީހާ ރަގޫބް ނިސްތާރު ހަލީމް ރަހުމާން, (27އ.)ގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރާއްޖެއަށް އާދަޔާ ހިލާފަށް ގިނައިން ދަތުރުކުރާ އެ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ ޝައްކުކުރެވޭ ގިނަ ކަންތައްތަކެއް ހުރުމުން ނެވެ.

އެގޮތުން އޭނާއާއި މެދު ޝައްކު އުފެދުނީ އެތައް ފަހަރަކު ރާއްޖެއަށް އައުމަށްފަހު ޖެހިގެން އަންނަ ދުވަހު ފުރުމާއި ގިނަ އަދަދެއްގެ ޑޮލަރު އޭނާގެ އަތުން ފެނުމާއި އަދި އޭނާގެ އަތުގައި ދެ ޕާސްޕޯޓް އޮތުމުން ނެވެ. އަދި އެއިން އެއް ޕާސްޕޯޓްގައި އެހެން ނަމެއް ޖަހާފައި އޮތުމަކީ ވެސް އޭނާއާއި މެދު ޝައްކު އުފެދުނު މައްސައެއް ކަމުގައި ވެއެވެ.

މީގެ އިތުރުން، މި ޑޮލަރުތަކަކީ އެހެން ފަރާތަކުން އޭނާއާ ހަވާލުކުރި ފައިސާކަން ދަލީލުކޮށްދޭ ލިޔެކިޔުންތަކެއް ފެނިފައިވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އޭނާ އެންމެ ފުރަތަމަ ހައްޔަރުކޮށް ފަސް ދުވަހުގެ ބަންދުގެ މުއްދަތު ޖެހި އެވެ. އަދި ބަންދުގެ މުއްދަތު މިއަދު ހަމަވާނެތީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް އިތުރުކޮށްދީފަ އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ އޭނާއާއިމެދު ތުހުމަތުކުރެވިފައި ވަނީ ޖިނާއީ ބޮޑު މައްސަލައަކަށް ވާތީއާއެކު އޭނާއަށް ފައިސާ ލިބުނުގޮތް ފުލުހުންނަށް ވެސް ސާފުކޮށްދެވިފައި ނުވާތީއާއި އޭނާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު ޝައްކުވާ ފަދަ ކަންކަން ހުުރުމުން ކަމަށް ބުނެ އެކަންކަމަށް ރިއާޔަތްކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން