ކުރިޔަށް އޮތް 20 އަހަރު ދުވަހުގެ ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭން ހެދުމުގެ މަސައްކަތް ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމައިފިއެވެ.

ކުރިއަށް އޮތް 20 އަހަރުގެ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މާސްޓަރޕްލޭން ހެދުމުގެ މަސައްކަތް ފެށުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމަވާފައިވާކަން އެމަނިކުފާނު އިއުލާން ކުރެއްވީ ވީޑިއޯ މެސެޖެއްގެ ޒަރިއްޔާއިން ނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މި ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެކަންކުރައްވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާ ކަމާގުޅޭ އެކިއެކި ތަޖުރިބާކާރުންނާއި އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމުގައެވެ.

މި ޕްލޭނަކީ ރައީސް ވަޢުދުވެވަޑައިގެންނެވި ގޮތަށް ޤާނޫނީ ބާރުވެރިކަން ލިބޭ ޕްލޭނަކަށް ހެދުމަށް ޚާއްޞަކޮށް މި ޕްލޭނަށް ޤާނޫނެއްވެސް ހައްދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުރިހާ ރަށެއްގައި އަދި ކަމާބެހޭ ހުރިހާ ޖަމިއްޔާ ޖަމާޢަތްތަކާއި ކުޅިވަރުކުޅޭ ފަރާތްތަކާއި ސިޔާސީ އެކިއެކިޕާޓީތަކާއި ޤައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މި ޕްލޭނާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމުގައެވެ.

ކުރިއަށްއޮތް 20 އަހަރު ދުވަހަށް ޤައުމު އޮންނަންވީ ގޮތް އެމަނިކުފާނު މިހާތަނަށް ހިއްސާކުރައްވަމުން ގެންދަވާފައިވާނެކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާގޮތަށް މިކަންކަން ހާސިލު ކުރެއްވުންކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅު ވަނީ މި މަސައްކަތް ފެށިގެންދާއިރު މިއީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކުރެވޭ ކަމަކަށް ވެގެންދިއުން ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ޕްލޭން ހެދުމަކީ ރައީސްގެ ރިޔާސީ ކެމްޕޭން ތެރޭގައި އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިންމު ތަރައްޤީގެ ވަޢުދެއްކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން