އިސްރާއީލުން ފަލަސްތީނުގައި ހިންގާ އަމަލުތަކަކީ އަދުލު އިންސާފަށް ކުރާ މަލާމާތެއް ކަމަށް ރައީސުލްޖުމްޖޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިން ޤަބޫލުކުރާގޮތުގައި އަސާސީ ޙައްޤުތައް ހިމާޔަތްކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ، އެ ޙައްޤުތަކަށް އިހުތިރާމުކުރުމުގެ ޘަޤާފަތެއް ދިރުވައިއާލާކުރުން ކަމަށެވެ. އަދި މިކަމަށް ތާއީދު ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ބޮޑު ޤައުމަކަސް، ކުޑަ ޤައުމަކަސް، މުއްސަނދި ޤައުމަކަސް، ފަޤީރު ޤައުމަކަސް، އެއްވެސް ޤައުމެއްގެ ޙައްޤަކަށް އަރައިގަތުމަކީ އެއްވެސް ބަޔަކު ތަހައްމަލުކުރަންޖެހޭ ކަމެއް ނޫންކަމަށާއި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ނުވަތަ ނަޞްލު ނައްތާލުމުގެ ޖަރީމާ އަކީ ބައިނަލްއަޤުވާމީ ނިޒާމާއި، ޢަދުލުއިންސާފަށް ކުރާ މަލާމާތަކަށް ވަނީ އެ ސަބަބާހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިސްރާޢީލުން އެ ހިންގާ ޖަރީމާތަކަށް އެ ޤައުމު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަންނަން ޖެހޭ ކަމަށެވެ.

"އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވާ ފަލަސްތީނުގެ އަޚުންނާއި އުޚުތުން އަޅުގަނޑުމެންގެ ފަހަތުގައި ބެއިތިއްބުމުގެ ބަދަލުގައި، އަޅުގަނޑުމެންނާ އެއް ހަމައެއްގައި ހިމެނުމަށް ނިންމި ނިންމުމަށް އަޅުގަނޑުމެން މަރުޙަބާ ދަންނަވަން. ދެން އަޅުގަނޑުމެން ކަށަވަރުކުރަންވީ، ފަލަސްތީނަށް އދގެ ފުރިހަމަ މެންބަރުކަން." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން