ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ރާއްޖެއަކީ މުސްތަޤިއްލު ގައުމެއްކަން ބޭރުގެ ގައުމުތަކަށް ހާމަވަމުންދާކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅޭގޮތުން މިރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެފުރަތަމަ ގައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް އަދި ސިޔާދަތު ދެމެހެއްޓުމަށް ކަމަށް ވިދާޅުވިކަމަށެވެ.

އަދި އޭގެ ދަށުން ޚާއްޞަކޮށް ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ފަލަ ރަތް ރޮނގެއް ދަމާލައްވާފައިވާ ކަމަށާއި ރާއްޖޭގެ އެތެރޭގެ ކަންކަމަށް ބޭރުގެ ގައުމުތަކަށް ވަނުމުގެ ފުރުސަތު ބަންދު ކުރައްވާފައިވާކަމަށް ޣައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު އދ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައުމުތަކުގެ ވެރިންނާއި ބައްދަލުވެ އެމަނިކުފާނު ހާމަކުރައްވާ ސިޔާސަތުތަކުގެ ސަބަބުން، ދިވެހީންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެތިބި މުސްތަގިއްލު ބައެއްކަމާއި، މިނިވަންކަން ހިމާޔަތް ކުރުމަށް ނުކުމެތިބި ބައެއްކަން ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުންނަށް އެނގެމުން ދާކަމަށެވެ.

ޣައްސާން މިހެން ވިދާޅުވެފައިވާއިރު ރައީސް ގެންދަވަނީ މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގިނަ ގައުމުތަކެއްގެ ވެރިންނާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން