އދ. ގެ ސަލާމަތީ މަޖިލީހުގައި ރައީސް ދެއްވި ތަގުރީރުގެ ސަބަބުން ދިވެހީންގެ އަޑަކީވެސް އަގެއްހުރި އަޑެއްކަން ދުނިޔެއަށް ސާބިތުވެގެން ގޮސްފިކަމަށް ވެރިކަންކުރާ ޕީއެންސީއިން ބުނެފިއެވެ.

ރައީސް ރޭ ދެއްވި ތަގުރީރަށް ތައުރީފުކޮށް އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އދ. ގެ ސަލާމަތީ މަޖިލީހުގައި ރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ތަގުރީރުގައި ފާހަގަ ކުރައްވާފައިވާ ކަންކަމަކީ ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ރިއާޔަތް ކުރައްވައި، ގިނަ ދައުލަތްތައް ބައިވެރިވާ ބައިނަލްއަގުވާމީ ނިޒާމަށް މިހާރުން މިހާރަށް ގެންނަންޖެހިފައިވާ ބޮޑެތި ބަދަލުތަކަށް އަލިއަޅުވާލެއްވި ތަގުރީރެއް ކަމަށެވެ.

އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި، ދުނިޔޭގެ ސުލްހައާއި އަމާންކަން ކަށަވަރުކޮށް ބައިނަލްއަގުވާމީ ނިޒާމަކީ ހަމަހަމަ ކަމާއި އަދުލުވެރިކަން ގާއިމު ވެފައިވާ ނިޒާމެއްކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް ފާހަގަ ކުރައްވާފައިވާކަމީ ފާހަގަ ކޮށްލެވޭ ކަމެއްކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

ޕީއެންސީގެ ބަޔާނުގައި ބުނީ، އިސްރާއީލުން ފަލަސްތީނާއި ލުބުނާނުގެ ރައްޔިތުންނާމެދު ހިންގަމުންދާ އަނިޔާވެރި ޓެރަރިޒަމްގެ އަމަލުތައް ހުއްޓާލުމަށް ދުނިޔެ ރޮއެ އާދޭސްކުރާއިރު، އެ އަމަލުތައް ހުއްޓުވުމުގައި އދ. ފެއިލްވާ ސަބަބަކީ ސަލާމަތީ މަޖިލީހުގައި މަދު ދައުލަތްތަކަކަށް ލިބިފައިވާ ވީޓޯގެ އިމްތިޔާޒުކަން ފާހަގަ ކުރައްވާފައިވާތީ އެމަނިކުފާނު ފާހަގަ ކުރައްވާފައި އެވަނީ އިސްލާމީ އުންމަތުގެ އިހުސާސާއި ދިވެހީންގެ ހިތްތަކުގެ ހިމަނާރުގައި ޖަހަމުންދާ ވިންދުގެ އަޑުކަމަށެވެ.

ޕީއެންސީގެ ބަޔާނުގައި ބުނީ، އދ. ގެ ސަލާމަތީ މަޖިލީހުގައި ރައީސް ދެއްވި ތަގުރީރަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ދުނިޔެއަށް މުހިންމު މެސެޖުތަކެއް ދިން ތަގުރީރެއް ކަމަށާއި ހާއްސަކޮށް، އެ ތަގުރީރުގެ ސަބަބުން ދިވެހީންގެ އަޑަކީ އޭގައި އަގެއްހުރި އަޑެއްކަން ދުނިޔެއަށް ސާބިތުވެގެން ގޮސްފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން