އދ. ގެ އާންމު މަޖިލީހުގަައި އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ނަތައްޔާހޫ ތަގުރީރުކުރަން ފެށުމުން ރާއްޖޭގެ ވަފުދު ތަޅުން ދޫކޮށް ނުކުމެވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގެ ވަފްދު އެހޯލުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަލަޞްޠީނާމެދު ގެންގުޅުއްވާ ޚާއްސަ ކަމާއި، ފަލަސްޠީނުގެ ޙައްޤުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ޚާއްޞަ މަސައްކަތްޕުޅަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.

‏އަދި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލުކުރައްވާ ރައީސް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައި ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ނަތަންޔާހޫ ތަގުރީރުކުރަން ފެށުމުން އިސްރާއީލާއި ދެކޮޅު ގިނަ ގައުމުތަކުގެ މަންދޫބުން ވެސް ވަނީ ހޯލުން ނުކުމެފައެވެ.

‏އދ.ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ.

އަދި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް، ރައީސް ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން