އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ވަޑައިގެންފިއެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ފުރާވަޑައިގެނެންނެވީ މި ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި ރައީސް ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.

އެމެރިކާއަށް ކުރެއްވި އެ ދަތުރުފުޅުގައި ރައީސް ވަނީ، ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވާފައެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައިވެސް ތަގުރީރު ކުރައްވާފައެވެ.

މިއީ މީގެ 59 އަހަރު ކުރިން، އދ.ގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު، އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ މުހިންމު މައުޟޫޢުތަކަށް އެތައް ތަގުރީރެއް ދެއްވާފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު ބައެއް ބައްދަލުވުންތަކުގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ، ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެއެވެ.

އޭގެ އިތުރުން ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމެރިކާއިން ފުރާވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ވަނީ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަގުރީރު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ނިއު ޔޯކްގައި ހުންނަ ގޫގްލްގެ އޮފީހަށްވެސް ޒިޔާރަތް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން