ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަވައިފި އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި ރަޢީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަފީގުގެ ބަދަލުގައި އެ މަގާމަށް ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ހަމަޖައްސަވާފައެވެ.

އަދި ފޮރިން މިނިސްޓަރަކަަށް ހަމަޖެއްސެވީ މިހާރު ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލެވެ.

ހެލްތު މިނިސްޓަރަކަށް ހަމަޖެއްސެވީ އަބްދުﷲ ނާޒިމެވެ. ނާޒިމަކީ ރައީސް ޔާމިންގެ ވެރިކަމުގައި ވެސް އެމަގާމު ފުރުއްވި ވަޒީރެވެ. އަދި މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަންކުރެއްވި ޢަބުދުﷲ ނާޒިމް އިބްރާހީމް މީގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަޤާމުގައެވެ.

ކެބިނެޓަށް ކުއްލި ބަދަލެއް ގެންނަން ނިންމީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. އަދި ފިނޭންސް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި ޝަފީގު ބަދަލުކުރައްވަނީ ކޮން މަގާމަކަށް ކަމެއްވެސް ސާފެއް ނުވެެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ މުޙައްމަދު އިބްރާހީމްގެ ކުރިފުޅުމަތީގައެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން