ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ލީޑަރު ޝީ ޖިން ޕިންއާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

ޕީޕަލްސް ރިޕަބްލިކްސް އޮފް ޗައިނާ އުފެއްދިތާ 75 އަހަރު މިއަދަށް ފުރުމާ ގުޅިގެން ރައީސް އެކްސްގައި ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ޘެމެދުގައި އޮންނަ ގާތް ބަދަހި ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި ރާއްޖެއިން އަަބަދުވެސް ބަލައިގަންނާނީ ވަން- ޗައިނާގެ ސިޔާސަތު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހަމަ އެހެންމެ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ވާނީ ބަދަހި ކަމަށާއި އެއާއެކު ދެ ގައުމުގެ ރައްޔިތުންނަށް ވެސް މިގުޅުމުން ކުރާނީ ފައިދާ ކަަމަށް ރައީސް ވިދާޅުވި އެވެ.

ޗައިނާގެ ގައުމީ ދުވަހާ ގުޅިގެން އިއްޔެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރިސެޕްޝަންގައި ވެސް ރައީސް މުއިއްޒު ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރާއްޖެއިން ތަރައްގީއަށް ކުރާ ދަތުރުގައި އެ ގައުމުން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުންކަމަށާއި، ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަން އަދި މި ނޫންވެސް ގިނަ ޢުމްރާނީ މަޝްރޫޢުތަކަކީ މި ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް ކަމަށް ރައީސް މުއިއްޒު އިއްޔެ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން