ފިރިހެން ކުއްޖަކު ގޭތެރެ ސާފު ކުރަނީ- ގޫގުލް އިމޭޖެސް
ފިރިހެން ކުއްޖަކު ގޭތެރެ ސާފު ކުރަނީ- ގޫގުލް އިމޭޖެސް
ދަރިން ތަރުބިއްޔަތު ކުރާއިރު އެކުދިންނަށް ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމާއި، ދިރިއުޅުމުގެ މައިދާނުގައި އެހެންމީހުންނާ މުހާތަބު ކުރަންޖެހޭ ގޮތް ދަސްކޮށްދިނުމަކީ މައިންބަފައިންގެ ވާޖިބެކެވެ. ބައެއް ފަހަރު ފިރިހެން ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނަށް ހެދޭ ގޯސްތަކުގެ ސަބަބުން އެކުދިންނަކީ މުޖްތަމައު ބަލައިގަންނަފަދަ ކުދިބަޔަކަށް ނުވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން އެކުދިން ތަރުބިއްޔަތު ކުރުމުގައި މިކަމާމެދު ވިސްނައި، އެކުދިންނަށް ދަސްކޮށްދޭންޖެހޭ ކަންތައްތަކެއް ވެއެވެ.

އަންހެން ކުދިންނެކޭވެސް އެއްފަދައިން ފިރިހެން ކުދިންނަށްވެސް ޖިންސީ ފުރައްސާރަ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމުން އެންމެ ކުޑައިރުއްސުރެ އެކުދިންނަށް ޖިންސީ ފުރައްސާރައަކީ ކޮބައިކަން ކިޔައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކުދިންގެ ގައިގައި ނަހަމަ ގޮތުގައި މީހަކު ބީހެއްޖެނަމަ ނަމަ އެވާހަކަ ހިއްސާ ކުރެވޭފަދަ މާހައުލަކަށް ގޭތެރެ ހެދުމަކީވެސް މައިންބަފައިންގެ ޒިންމާއެކެވެ. މިކަން މިހެން ނުވާނަމަ ދަރިފުޅަށް މިފަދަ ކަމެއް ދިމާވެ، އޭގެ ސަބަބުން އޭނާއަކީ ނަފްސާނީ ބަލީގެ ޝިކާރައަކަށްވެފައިވާ މީހަކަށްވެ، އެހެންމީހުންނާ ދުރުން އެކަހެރިކޮށް އުޅެން ބޭނުންވާ މީހަކަށް ވެގެން ދެއެވެ.

ފިރިހެން ކުދިން ތަރުބިއްޔަތު ކުރާއިރު ދަސްކޮށްދޭންޖެހޭ އަނެއް ކަމަކީ ދިރިއުޅޭތަން ސާފުތާހިރުކޮށް ބެހެއްޓުމެވެ. މި އާދައަކީ ހަމައެކަނި އަންހެން ކުދިންގެ ކިބައިގައި އަަށަގަންނަވަން ޖެހޭ އާދައެއްް ނޫނެވެ. ފިރިހެން ކުދިންގެ ކިބައިގައިވެސް މި އާދަ ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެވެސް ގޭތެރޭގެ މަސައްކަތްތަކުގައި އަތްގާތްކޮށްދީ އެހީތެރިވެދިނުމަށް ފިރިހެން ދަރިފުޅަށްވެސް ބާރުއަޅަން ޖެހެއެވެ. މިކަން މިހެން ވުމުން ކުއްޖާ ބޮޑުވެ، މުޖްތަމައަށް ނިކުންނައިރު އަމިއްލަ ފައި މައްޗަށް އެންމެ ފުރިހަމަ ގޮތުގައި ތެދުވެފައި ހުންނާނެއެވެ. އަދި އޭނާއަކީ މުޖްތަމައު ގަބޫލުކުރާފަދަ މީހަކަށްވެސް ވެގެންދެއެވެ.

މީގެ އިތުރުން އެކުދިންގެ ކިބައިގައި ރަނގަޅު އަޚްލާގު އަށަގެނެވުމަކީވެސް މައިންބަފައިންގެ ޒިންމާއެކެވެ. އެގޮތުން އެހެން މީހުންނާ އަދަބުވެރިކަމާއެކު ވާހަދެއްކުމާއި، އިށީނދެ އިންނަ އިރުއާއި، އެހެން މީހުންގެ ތެރޭގައި އުޅޭއިރު އުޅެން ޖެހޭ ގޮތް ކިޔައިދީ ދަސްކޮށްދޭން ޖެހެއެވެ. އަދި އަންހެނުންނަށް އިހްތިރާމު ކުރަން ދަސްކޮށްދޭންވެސް ޖެހެއެވެ. އަދި މީގެ އިތުރުން ކެއުމުގެ އަދަބުތަކާއި ވާހަކަ ދެއްކުމުގެ އަދަބުތައްވެސް އެކުދިންނަށް ދަސްކޮށްދޭން ޖެހެއެވެ. މިކަން މިހެން ވެއްޖެނަމަ އެކުދިންނަކީ މުޖްތަމައު ބަލައިގަންނަފަދަ ކުދިބަޔަކަށް ވެގެން ދެއެވެ.

އަޅުގަނޑުމެންގެ މުޖްތަމައިން ފެންނަ އެންމެ ނޭދެވޭ އެއް ކަމަކީ ފިރިހެން ދަރިންނާއި އަންހެން ދަރިން ތަފާތުކޮށް، ފިރިހެން ދަރިންނަށް އެކުދިން ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލެވޭ ތަނެވެ. އަދި މިކަމުގެ ސަބަބުން އެކުދިން ބޮޑުވެ މުޖްތަމައަށް ނިކުންނައިރު އެކުދިންގެ ކިބައިގައި އެއްވެސް އަދަބުވެރިކަމެއް، އަދި އަޚްލާގެއް ނުހުރެއެވެ. ވީމާ މިކަން ބަދަލުކޮށް މުޖްތަމައަށް ފައިދާ ހުރި ދަރިއަކު ތަރުބިއްޔަތު ކުރެވޭތޯ ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ބަލަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން