ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް
ތަރައްޤީގެ އައު އުސްމިންތަކެއް ޙާސިލުކުރުމަށް ރާއްޖެއާއި އިންޑިއާގެ ގުޅުން މުހިންމުކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާ އަށް މިހާރު ކުރަށްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަށް އިޝާރާތް ކުރަށްވަމުން ޤާސިމް މިއަދު ވިދާޅުވީ ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ހަމައެއާއެކު ރައީސްގެ ދަތުރުފުޅުގެ ސަބަބުން ދެގައުމަށް އުންމީދީ އަދި އުފާވެރި ދުވަސްތަކެއް ކުރިއަށް އޮތްކަން ހާމަވެގެން ގޮސްފައިވާކަން ޤާސިމް ފާހަގަ ކުރެއްވިއެވެ. އަދި ހަމަ އެހެންމެ މިސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށާއި، އިގްތިޞާދީ ތަރައްގީގެ އައު އުސްމިންތަކެއް ހާސިލުކުރުމަށް އިންޑިއާއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.



އޭގެ އިތުރުން ރައިސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވާތީ، މިއީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ އިންޑިއާ އާއި ރާއްޖެ އާ ދެމެދުގައި އޮތް ގުޅުން ހަރުދަނާކޮށް ދެމެހެއްޓެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން، ރައީސް ޑރ. މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން