އެމެރިކާއިން ނިރުބަވެރި އިސްރާއީލަށް އެހީގެ ގޮތުގައި 20 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ބްރައުން ޔުނިވާސިޓީގެ ވޮޓްސަން އިންސްޓިޓިއުޓުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތައް ހިންގަމުންދާ އިސްރާއީލަށް އެހީވުމަށް އެމެރިކާއިން ޖުމްލަ ޚަރަދުކޮށްފައި ވަނީ 22.76 ބިލިއަން ޑޮލަރެވެ. އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ނިރުބަވެރިކަމަށް ޚަރަދުކުރަމުންދާއިރު އެމެރިކާގެ އެކި ހިސާބުތަކުގައި ދަނީ އިސްރާއީލުގެ މި ޖަރީމާތައް ހުއްޓާލުމަށް މުޒާހަރާ ކުރަމުންކަން ފާހަގަ ކުރެވެއެވެ.

މީގެ އަހަރެއްހައި ދުވަސް ކުރިން ޣައްޒާގައި ހަނގުރާމަ ފެށިފަހުން އެމެރިކާއިން ވަނީ އިސްރާއީލަށް އެއްފަހަރާ 17.9 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދީފައެވެ. އަދި މިއީ މިހާތަނަށް އަހަރެއްގެ ތެރޭގައި ދިން އެންމެ ބޮޑު އެހީ ކަމަށް ރިޕޯޓުގައިވެއެވެ.

އިސްރާއީލަށް ދޭ އެހީއަކީ އަސްކަރީ މާލީއެހީ އާއި ހަތިޔާރު ވިއްކުމާއި އެމެރިކާގެ ހަތިޔާރު ސްޓޮކްޕައިލްތަކުން ޓްރާންސްފާ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އިންސްޓިޓިއުޓުގެ ކޯސްޓްސް އޮފް ވޯރ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދާ ރިޕޯޓުގައިވެއެވެ.

އެމެރިކާއިން ފޯރުކޮށްދޭ ހަނގުރާމައިގެ ހަތިޔާރުތަކުގެ ބޮޑު ބަޔަކީ ބަޑި ކަމަށް ރިޕޯޓުގައި ބުނެފައިވާއިރު، އޭގެ ތެރޭގައި އާޓިލަރީ ޝެލްތަކާއި 2،000 ޕައުންޑް (907 ކިލޯ)ގެ ބޮންތައް ހިމެނެއެވެ.

މެދުއިރުމަތީގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގައި އެގައުމުން ދަނީ ކުށެއް ނެތް އެތައް ހާސް ބަޔަކު މަރަމުންކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން