ލުބްނާނުގައި ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން މިހެން ބުނެފައި ވަނީ އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކާއި ގުޅިގެން ލުބްނާނުގެ ހޮސްޕިޓަލުތަކުގެ ހިދުމަތް މެދުކެނޑި ސިއްހީ ފަރުވާ ހޯދުމަށް އެގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައި ވަނިކޮށެވެ.

ލުބްނާނަށް ކަނޑައަޅާފައި ހުންނަ ޑަބްލިއުއެޗްއޯގެ ޑެޕިއުޓީ އިންސިޑެންޓް މެނޭޖަރު، އިއާން ކްލާކް ވިދާޅުވީ ހެޕަޓައިޓިސް އޭ އާއި ޑައިރިއާ ފަދަ ގައިންގަޔަށް އަރާ ބަލިތަކުގެ އިތުރުން ވެކްސިންގެ ޒަރިއްޔާ އިން ރައްކާތެރިކަން ހޯދޭނެ ބަލިތައް ލުބްނާނުގައި ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ.

ކްލާކް ވިދާޅުވީ މިފަދަ ހާލަތެއް ލުބްނާނަށް ކުރިމަތިވާން މެދުވެރި އެންމެ ބޮޑު ސަބަބަކީ އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ލުބްނާނުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ހޮސްޕިޓަލުތައް ބަންދުކުރަން ޖެހުމާއި ސިއްހީ ހިދުމަތްތެރިން މަދުވުން ކަމަށެވެ.

ޒަޔަނިސްޓް އިޒްރޭލުން ލުބްނާނުގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުންދާއިރު، އެގައުމުން އަންނަނީ ލުބްނާނުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންކަން ފާހަގަ ކުރެވެއެވެ. މި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ސިއްހީ ހިދުމަތްދޭ 37 ތަނެއް ބަންދުކޮށްފައިވާއިރު، ސިއްހީ ހިދުމަތްދޭ ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.

އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން މެދުއިރުމަތީގެ ގައުމުތަކަށް ދެމުންދާ ހަމަލާތަކުގައި ލުބުނާނުން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 1.2 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން