އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް
އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް
އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް، "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ.

އެމްޑީޕީން ބުނީ މިއީ އުތުރުގެ ތިން އަތޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ މެންބަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ކޮންފަރެންސެއް ކަމަށެވެ.

މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ރާއްޖޭގެ 5 ސިޓީގެ މޭޔަރުންނާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

މި ކޮންފަރެންސް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވީ އެޕާޓީގެ ލީޑަރުން މިއަދު ކުޅުދުއްފުށްޓަށް ޖަމާވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަލާކޮށްލުމަށް ކުރާ މަސައްކަތާ ދެކޮޅު ހެދުމަށް ކަމަށެވެ. އަދި ކޮންފަރެންސްގައި އިގުރާރުވާ ކަންކަން ރަނގަޅު ކުރަން ސަރުކާރަށް ގޮވާލާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މިއަދުގެ ކޮންފަރެންސްގައި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކައުންސިލްތަކުގެ މާލީ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށްވެސް އެމްޑީޕީން ހާމަކޮށްފައިވެއެވެ.

މިއީ މިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިހާބުގައި ލިބުނު ނާކާމިޔާބަށްފަހު ފަހު، މިފަދަ ބޮޑު ހަރަކާތެއް އެމްޑީޕީން ބާއްވާ ފުރަތަމަ ފަހަރެވެ.

މި ކޮންފަރެންސްގައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ މެންބަރުންނާއެކު ޖުމުލަ 80 މީހުން ބައިވެރިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން