ނިރުބަވެރި އިސްރާއީލުން ހަފްތާތަކެއް ވަންދެން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،645 އަށް އަރާފައިވާ ކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ލުބުނާނުގެ ސިއްހީ ވުޒާރާއި ބުނީ ސެޕްޓެމްބަރު މަހު އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތައް ވަރުގަދަކުރި ފަހުން 1،645 މީހުން މަރުވެފައިވާކަމަށެވެ. އަދި ހިޒްބުالله އާއި އިސްރާއީލުގެ ސިފައިންނާ ދެމެދު އަހަރެއްހާ ދުވަހު ހިނގި ހަނގުރާމައިގައި މިހާރު ޖުމްލަ 2،255 މީހުން މަރުވެފައިވާ ކަމަށެވެ.

އެމެރިކާގެ މަދަދާއެކު އިސްރާއީލުން މެދުއިރުމަތީގައި ހިންގަމުންދާ ލޭއޮހޮރުވުންތަކުގައި ހޮނިހިރު ދުވަހުގެ ހަވީރު އެކަނިވެސް އިސްރާއީލުގެ ސިފައިން ވަނީ ލުބުނާނުގެ ދެކުނުގެ ބޮޑު ސިޓީއެއް ކަމަށްވާ ނަބަތީހުއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އެ ސިޓީގެ މައި ވިޔަފާރި ބާޒާރުގެ މަގުގައި ބޮން ގޮއްވާލި ހާދިސާގައި އަށް މީހަކު ޒަޚަމްވެ، އެ ސަރަހައްދުގައި ވަނީ ބޮޑު އަލިފާންގަނޑެއްވެސް ރޯވެފައެވެ.

ލުބުނާނުގެ އިތުރުން އިސްރާއީލުން ދަނީ ޣައްޒާގައިވެސް ދެމުންދާ ހަމަލާތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ޣައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ބޭރުގެ މީޑިޔާ، އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔަހޫދީ އިސްރާއީލުން ޣައްޒާގެ އުތުރު ސަރަހައްދު ތަކަށް އަރައި ހަމަލާތައް ދެމުންދާތާ ނުވަ ދުވަސް ވެފައިވާއިރު މި ހަމަލާތަކުގައި އެކަނިވެސް ޣައްޒާގެ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 42،175 މީހުން މަރުވެ 98،336 މީހުން ޒަޚަމްވެފައިވާއިރު، އިސްރާއީލުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ގާތްގަނޑަކަށް 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން