މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް
މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް
މިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިވީ ކޮރަޕްޝަނާއި ޚުދުމުހުތާރުކަމާއި ނާޖާއިޒު ފައިދާނެގުން ނުހުއްޓުމުން ކަމަށް ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވާން މެދުވެރިވި އެއް ސަބަބަކީ ރިޔާސީ ދައުރު ނިމެން ގާތްވެފައި ވަނިކޮށް އެމްޑީޕީ ދެބައިވުމުން ކަމަށް އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވުމާ ގުޅިގެންނެވެ.

ފައްޔާޒަށް ރައްދު ދެއްވަމުން ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އާޒިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ އެއްކޮށް ޑިމޮކްރެޓްސް އޮތް ނަމަވެސް ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ. ސަބަބަކީ ރައީސް ޞާލިޙްގެ ވެރިކަމުގައި އެމްޑީޕީގެ އަސްލު އަސާސްތަކާއި އެޕާޓީން ދުރަށް ގޮސްފައިވުން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ އެންމެ އަސާސީ އެއް ސިފައަކީ ކޮރަޕްޝަނާއި ހުދުމުހުތާރުކަމާއި ވައްކަމާއި މަގާމުގެ ނާޖާއިޒު ފައިދާ ނެގުން ފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތްކުރުން ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙްގެ ވެރިކަމުގައި ޕާޓީގެ އަސާސްތައް ނެގެހެއްޓުމަށް ތެދުވި މީހުން ޕާޓީން އެއްފަރާތް ކުރުމަކީ އެމްޑީޕީގެ މަޤުބޫލުކަން ދަށަށްދިއުމަށް މެދުވެރިވި މައިގަނޑު ސަބަބު ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އަދި ޑިމޮކްރެޓްސް އުފެއްދުމަށް އިސްކޮށް އުޅުއްވި މެންބަރުން އެކަން ކުރެއްވީ ރައީސް ޞާލިޙް ނޫން ފަރާތެއް ނެރެގެން ނޫނީ އެމްޑީޕީއަށް ވެރިކަން ދިފާއު ނުވާނެ ކަމަށް ފެނިގެން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ކައުންސިލަރުންގެ ކޮންފަރެންސްގައި ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ނާކަމިޔާބީއަކާ ކުރިމަތިލާން ޖެހުނު ސަބަބު ހޯދުމަށް ދިރާސާއެއް ކޮށްފައިވާ ކަމަށެވެ. އަދި އެމްޑީޕީ ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރިޔާސީ ދައުރު ނިމެން ގާތްވެފައި ވަނިކޮށް އެމްޑީޕީ ދެބައިވުން ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒްގެ ވާހަކަތަކަށް އާޒިމް ރައްދު ދެއްވާފައިވާއިރު 2023 ވަނަ އަހަރުގެ ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އުފެދުނު ހިތްހަމަނުޖެހުން ތަކަށްފަހު ރައީސް ނަޝީދަށް ތާޢީދު ކުރަށްވާ ފަރާތްތަކުން ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށްފައިވަނީ 2023 ޖުލައި 12 ވަނަ ދުވަހުއެވެ.

އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުން ވާދަކޮށްފައިވާއިރު، ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބަށް 15،835 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއާއެކު ޑިމޮކްރެޓުން ގޮސްފައިވަނީ އިންތިޚާބުގެ 3 ވަނަ އަށެވެ. ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އެއްވެސް ޕާޓީއަކަށް ތާޢީދު ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން