އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެމުންދާ އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި ހަތަރު މީހުން މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުން ހަމަލާ ދީފައި ވަނީ ޣައްޒާގެ ދައިރް އަލްބަލަޙްގެ އަލްއަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ހޮސްޕިޓަލަކީ ފަލަސްތީނުގައި ގެދޮރު ގެއްލިފައިވާ ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުން ދިޔަ ހޮސްޕިޓަލެކެވެ.

ޣައްޒާގެ އޮފިޝަލުންނާ ހަވާލަދީ ރިޕޯޓްތައް ބުނާ ގޮތުގައި ނިރުބަވެރިންގެ މި ހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. ނިރުބަވެރިންގެ ހަމަލާގައި ހޮސްޕިޓަލުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާއިރު މީހުން ސަލާމަތް ކުރުމަށް ރެސްކިއު ޓީމުތަކުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހަމަލާގެ އިތުރުން އިސްރާއީލުން ވަނީ ޣައްޒާގެ މެދުތެރޭގެ ނުޞައިރާތުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ސްކޫލަކަށް ބޮން އަޅާފައެވެ. މި ހަމަލާގައި އެކަނިވެސް ޣައްޒާގެ 22 މީހަކު މަރުވެ 80 މީހުން ވަނީ ޒަޚަމްވެފައެވެ.

ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި 42،227 މީހުން މަރުވެ 98،464 މީހުން ޒަޚަމްވެފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން