ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާވަރަށް ރައްޔިތުންނަށް އޮޅުވާލަން ހެޔޮނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ހުށައެޅުއްވި ޓެކުހާ ގުޅުން ހުރި ބިލުތަކަށް އިޝާރާތް ކުރަށް ވަމުންނެވެ. އެގޮތުން ދީދީ ވަނީ ސަރުކާރުން ހުށައެޅުއްވި އިސްލާޙުތައް މީސް މީޑިއާގައި ޙިއްސާ ކުރަށްވައި އެއީ ރަބަރސްޓޭމްޕް ޖަހަން ސަރުކާރުން ހުށައެޅި ބިލުތަކެއް ކަމަށް ވިދާޅުވެފައެވެ.

“މިހާވަރަށް ދިވެހި ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލަން ހެޔޮނުވާނެ.” ދީދީ ވިދާޅުވިއެވެ.



ދީދީ މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ވަނީ ފަތުރުވެރިން އަތުން ނަގާ ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި ޑިޕާޗާ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރަން މަޖިލީހަށް ހުށައަޅާފައެވެ.

އެގޮތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވަނީ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހުގައި ވަނީ މިހާރު ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް 6 ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށެވެ. އަދި މިހާރު ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 6 ޑޮލަރު ނެގުމަށް އެއިސްލާހުގައި ވެއެވެ.

ހަމައެއާއެކު ދިވެހިރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކުހުގެ ގޮތުގައި އިކޮނޮމިކް ކްލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން މިހާރު ނަގާ 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރު ނެގުމަށެވެ. އަދި ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން މިހާރު ނަގާ 90 ޑޮލަރުގެ ބަދަލުގައި 120 ޑޮލަރު ނެގުމަށެވެ.

ހަމައެހެންމެ ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން މިހާރު ނަގާ 90 ޑޮލަރުގެ ބަދަލުގައި 240 ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައެވެ. އަދި، ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން މިހާރު ނަގާ 120 ޑޮލަރުގެ ބަދަލުގައި އެ މުއްދަތުން ފެށިގެން 480 ޑޮލަރު ނެގުމަށް މަޖިލީހަށް ހުށައެޅި އިސްލާހުގައި ވެއެވެެ.

މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ހުށައަޅާފައިވާއިރު އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން