ކުރީގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ
ކުރީގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ
ދަޢުލަތުގެ ހިސާބު ބެލެހެއްޓުމުގައި ކުރީ ސަރުކާރުން ގޯސް ހެދި މައްސަލަ އަވަހަށް ބެލުމަށް ކުރީގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ.

މާރިޔާ މިކަމަށް ގޮވާލެއްވީ ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑް ނުކޮށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް ބަންޑާރަނައިބު އަޙުމަދު އުޝާމް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން މާރިޔާ ވަނީ މިސަރުކާރުން ބަލަންޖެހޭކަމަށް ދެކޭ މައްސަލަތައް ލަސްނުކޮށް އަވަހަށް ބެލުމަށް ގޮވާލައްވާފައެވެ. ނަމަވެސް އެކަންކުރުމަކީ ޤާނޫންގައިވާ ގޮތުގެމަތީން މާލީ ހިސާބު ހާމަ ކުރަން ދައްކާ ބަހަނާއަކަށް ވެގެންނުވާނެ ކަމަށްވެސް މާރިޔާ ވިދާޅުވެފައިވެއެވެ.

މާރިޔާ މިހެން ވިދާޅުވެފައިވާއިރު ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، މިދިޔަ އަހަރުގެ މާލީ މުޢާމަލާތްތަކުގެ ތެރެއިން މާލީ ވުޒާރާގެ ހިސާބުތަކުގެ ތެރެއަށް ނުވައްދައި 2 ބިލިޔަނެއްހައި ރުފިޔާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެފައިސާގެ ޢަދަދުތައް މިއަހަރުގެ ހިސާބުތަކުގެ ތެރެއަށް ވެއްދުމަކީ ޤާނޫނީގޮތުން މައްސަލަތަކެއް ކުރިމަތިވާނެކަމެއް ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އެ މައްސަލަތައް ބަލަން ނިންމާފައިވާ ކަމަށާއި ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައި ހުރި "ގޯސްތައް" ނުބަލައި ދޫކޮށްނުލެވޭނެ ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން