ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ސަރުކާރުގެ ޚަރަދު ކުޑަނުކޮށް ޓެކްސް ބޮޑު ކުރުމާ އެމްޑީޕީން ދެކޮޅު ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން މިވަގުތު ކުރަންޖެހޭ ކަމަކީ ބޭކާރު ޚަރަދުތައް ބޮޑުތަނުން ކުޑަކުރުން ކަމަށެވެ. ނަމަވެސް އެކަމުގައިވެސް ސަރުކާރުގެ އިޚްލާސްތެރި ނިޔަތެއް ނެތް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިހާތަނަށް ނިއުޅިފައިވާ މަޢުލޫމާތަށް ބަލާއިރު ސިޔާސީ މަޤާމުތަކުގެ މުސާރައަށް ގާތްގަނޑަކަށް ބައިބިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް ޚަރަދުވާނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ސަރުކާރުން ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރަނީ 228 މަޤާމު އުވާލައިގެން އެންމެ 5 މިލިއަން ރުފިޔާ ސަލާމަތް ކުރާ ވާހަކަ ކަމަށް އަމީރު ވިދާޅުވެފައިވެއެވެ.

އެހެންކަމުން އިޚްލާސްތެރި ނިޔަތާއެކު ސަރުކާރުގެ ޚަރަދު ކުޑަނުކޮށް ޓެކްސް ބޮޑު ކުރުމާ އެމްޑީޕީން ދެކޮޅު ކަމަށް އަމީރު މިއަދު ވިދާޅުވެފައިވެއެވެ.

"ޓެކްސް ބޮޑުކުރަން ޖެހުނީ ސަރުކާރުގެ ފައިނޭންސިން ސްޓްރެޓެޖީ ފެއިލްވުމުން. 2024 ގެ ބަޖެޓަށް 400 މިލިއަން ޑޮލަރު ހޯދާނެ ކަމަށް ވިދާޅުވި. 2025 ގެ ބަޖެޓު ފައިނޭންސް ކުރާނެ ގޮތެއް ވެސް ނޭނގޭ. ހަރަދު ކުޑަނުކޮށް ޓެކްސް ބޮޑުކުރުމާ އެމްޑީޕީ ދެކޮޅު." އަމީރު ވިދާޅުވެފައިވެއެވެ.



އަމީރު ވިދާޅުވީ ސަރުކާރުން ޓެކްސް ބޮޑު ކުރަން މަސައްކަތް ކުރާއިރު މިއީ ވެރިކަމަށް އައުމަށް ދެއްވި ވާހަކަތަކާވެސް ދިމާ އިދިކޮޅު ސިޔާސަތެއް ކަމަށެވެ. އެގޮތުން ޓީޖީއެސްޓީ އިތުރަށް ބޮޑު ނުކުރަށްވާނެ ކަމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އޭގެ އިތުރުން އަމީރު މިއަދު ވިދާޅުވީ ރާއްޖޭގެ މާލީ ޤާނޫނުތަކާއި ޚިލާފަށް އޭނާގެ ވަޒީރުކަމުގައި އެއްވެސް ކަމެއް ކުރަށްވާފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮންމެ ކަމެއްގައިވެސް ޖަވާބުދާރީ ވުމަށް ފުރިހަމައަށް ތައްޔާރަށް ހުންނެވިކަމަށް އަމީރު މިއަދު ވަނީ ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން