ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތި ޙާލަތުން އަރައިގަތުމުގެ ގޮތުން އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މުސާރަތައް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމި ނިންމުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިރޭ އިއުލާންކުރެއްވި ޕްލޭންގެ ދަށުން ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރިން ވަނީ ނިންމައިފަ އެވެ.

އެ ނިންމެވުމާ ގުޅިގެން އަމީރު އެކްސްގައި މިރޭ ވިދާޅުވީ ދުނިޔެ އޮތީ ކޮވިޑު ނޫނީ އިގުތިސާދީ ބޮޑު ކާރިސާ އެއްގައެއް ނޫން ކަމަށެވެ. އަދި ބާޒާރުގައި ތެލުގެ އަގު ހުރީ އެވްރެޖްކޮށް ހުންނަ ވަރަށްކަމަށެވެ.

އެހެން ނަމަވެސް މިއަދު މި ފެންނަނީ ބައެއްގެ ނާގާބިލްކަމުން އަމިއްލައަށް ނެތް ހާލަތެއް އުފައްދައިގެން އެއިން އަރައިނުގަނެވިގެން އުޅޭތަން ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

"އަދި ކޮންމެ މަހަކުވެސް ދައުލަތަށް ޚަރަދު ހަމަޖެއްސޭ ވަރަށް ފައިސާ ވަންނަ ކަމަށާއި، ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް ފަހިވެފައި ހުރިކަމަށާއި، މިހާރުވެސް ގްރީން ސިގްނަލް ލިބިފައި ހުރިކަމަށް ވިދާޅުވެ އައިސް، ވައުދުވި ގޮތާ ދިމާ އިދިކޮޅަށް ސިޔާސީ މީހުން ހާހުން އިތުރުކޮށް، ޚަރަދުތައް ބޮޑުކޮށް، ސަރުކާރުގެ ފައިނޭންސިންގ ސްޓްރެޓެޖީ ފެއިލްވެ، މާލީ ކަންތައްތައް މެނޭޖް ނުކުރެވި، އޭގެ ނޭދެވޭ އަސަރު މިހާރު އިގުތިސާދަށްވެސް ކުރާ ތަން." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ޚަރަދުތައް ކުޑަކުޑާއިރު ފުރަތަމަ ކުޑަކުރަން ޖެހޭނީ އިތުރުކުރި ޚަރަދުތައް ކަމަށް އަމީރު ވިދާޅުވިއެވެ.

އެގޮތުން އިތުރަށް ނެގި ސިޔާސީ މީހުންނަށް އެކަނިވެސް މަހަކު 50 މިލިއަން ރުފިޔާ ބަޖެޓުން ޚަރަދުކުރާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

"އަދި 10 ޕަސެންޓް ކަނޑާލިއަސް 45 މިލިއަން ރުފިޔާ ދައްކާނީ ހަމަ ބަޖެޓުން. މި ފެންނަނީ އިތުރު ކުރި ސިޔާސީ މަގާމްތަކަށް މުސާރަދޭން ވެގެން ދައުލަތުގެ އެހެން ހުރިހާ މުވައްޒަފުން ޤުރުބާންވާން ޖެހޭތަން." އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން