ޕީއެންސީގެ މެމްބަރޝިޕް ޑްރައިވް ޙަރަކާތުގެ ތެރެއިން
ޕީއެންސީގެ މެމްބަރޝިޕް ޑްރައިވް ޙަރަކާތުގެ ތެރެއިން
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕީއެންސީ އަށް މަޖުބޫރުކޮށްގެން މެންބަރުން ވައްދާކަމަށްބުނެ ފަތުރަނީ ބުހުތާނު ދޮގު ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

ޕީއެންސީގެ މެމްބަރުން އިތުރުކުރުމަށް ޕީއެންސީގެ ހަރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މަޖުބޫރުކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރާކަމަށްބުނެ ފަތުރަނީ ދޮގު ކަމަށެވެ.

“މަޖުބޫރުކޮށްގެން ޕާޓީއަށް މެންބަރުން ވައްދާ ވާހަކަ ކޮންމެ ވެސް ވަރަކަށް ސޯޝަލް މީޑިއާގައި ވެސް އުޅޭ. އެއީ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަތަކެއް،” މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހީންގެ ރައީސް ކަމަށް ރައްޔިތުން ޤަބޫލު ކޮށްފައިވާ ކަމަށާއި އެހެންކަމުން ދިވެހި ރައްޔިތުންނަށް މަޖުބޫރުކޮށްގެން މި ސަރުކާރުން ކުރަން ޖެހޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ ވޭތުވެދިޔަ ދެ މަސް ތެރޭގައި ޕީއެންސީގެ ޖުމްލަ މެމްބަރުންގެ އަދަދު 65،000 އަށް ވުރެން އިތުރުވެފައިވާ ކަމަށެވެ.

“އިރާދަކުރެއްވިއްޖެއްޔާ މި އަންނަ މަސް މެދު ތެރެއަށް އަންނަ އިރު 75،000 މެމްބަރުން ހަމަވާނެ.” ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ މާލޭގައި މިއަދު މެންބަރުން އިތުރުކުރުމުގެ ހަރަކާތް ކުރިޔަށްގެންދާނީ 7 ދާއިރާއަކަށް އަމާޒުކޮށްގެން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާގޮތުގައި ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 28،983 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން