ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް
މޫސުމީ ބަދަލުތަކާ ކުރިމަތިލެވޭ ގޮތަށް، ނޫ އިޤްތިޞާދު ބައްޓަންކޮށް، އީޖާދީގޮތެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިކަމަށް ގޮވާލައްވާފައިވަނީ ޗައިނާގެ ޝިންޑާއޯގައި ކުރިއަށްދިޔަ، 2024 ވަނަ އަހަރުގެ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ތަޤްރީރުކުރައްވަމުން ކަމަށެވެ.

މި ފޯރަމްގައި ނާޒިމް ވަނީ ކަނޑުގެ ވެށި ކިލަނބުވިޔަ ނުދިނުމަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅުތައް އަޅައިދިނުމަށް ގޮވާލައްވާފައެވެ. އަދި އެ ރޮނގުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ނާޒިމް ޙިއްސާކުރެއްވިއެވެ.

"ދިވެހިރާއްޖެއިން ވަނީ، ކަނޑުގެ 93 ސަރަޙައްދެއް ޙިމާޔަތްކޮށްފައި. އެތަންތަނަކީ، ގާތްގަނޑަކަށް 63 ހާސް ހެކްޓަރުގެ އޭރިއާއެއް. އަދި އިތުރަށްވެސް މިފަދަ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއް." ނާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން ނާޒިމް ވަނީ މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގައި، ނޫ އިޤްތިޞާދުން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށާއި ބުލޫ ކާރބަން ޕްރޮޖެކްޓްތަކަށް ފައިނޭންސްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ.

ނާޒިމް ވިދާޅުވީ މޫދުވިނައަކީ ކަނޑުގެ ވެށީގެ އަސާސީ ބައެއްކަމަށާއި، މޫދުވިނައިން ކާރބަން އެބްޒޯރބްކުރާ މިންވަރަކީ، ރެއިންފޮރެސްޓްތަކަށްވުރެން ހެކްޓަރަކަށް 40 އިންސައްތަ އިތުރު ޢަދަދެއްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މި ފޯރަމްގައި އަޙްމަދު ނާޒިމް ވަނީ ކަނޑުގެ ވެށި ޙިމާޔަތްކުރުމުގައި ރާއްޖެއިން އަޅާފައިވާ ދެމެހެއްޓެނިވި ފިޔަވަޅުތަކުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައިކަމަށެވެ.

އެގޮތުން ދޮށީގެ މަސްވެރިކަންކުރާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ދުނިޔޭގެ ފެންވަރުގައި ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށާއި، ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށާއި ކަނޑުގެ ދިރުން ޙިމާޔަތްކުރުމަށްޓަކައި ރާއްޖޭގެ ތަޖުރިބާއިން ޢިބްރަތް ލިބިގަތުމަށްވެސް އޮނަރަބަލް ނާޒިމް އެދިވަޑައިގަތެވެ.

އޮނަރަބަލް ނާޒިމް ވަނީ ކަނޑުން ހަކަތަ އުފެއްދުމާއި މެރިން ބަޔޯޓެކްނޮލޮޖީގެ ހޯދުންތައް އިތުރުކޮށް ފުޅާކުރުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައެވެ.

ހަމައެއާއެކު ދިވެހިރާއްޖެއަކީ، ޢަމަލީގޮތުން ކަންކަންކޮށް ދައްކާ ޤައުމެއް ކަމަށާއި ދުނިޔޭގެ ކަނޑުގެ ސަރަޙައްދުގެ 30 އިންސައްތަ 2030 އާ ހަމައަށް ޙިމާޔަތްކުރުމަށްވެސް ނާޒިމް ގޮވާލެއްވިއެވެ.

ޗައިނާގެ ޝިންޑާއޯގައި އޮކްޓޫބަރުމަހުގެ 24 އިން 25 އަށް ކުރިއަށްދިޔަ 2024 ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްއަކީ ނޫ އިޤްތިޞާދުގެ ރޮނގުން ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މަޤްޞަދުގައި ބާއްވާ ފޯރަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން