ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބައްޕަ، ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަށް އެ ކޯޓުން ދެއްވި ގައުންކޮޅާ، ދަރިކަލުންގެ ހައިސިއްޔަތުން ރައީސް ހަވާލުވެވަޑައިގެންފިއެވެ.

ރައީސްގެ ބައްޕައަށް ދެއްވި ގައުންކޮޅު އެމަނިކުފާނަށް އަރުވާފައިވަނީ، ހައިކޯޓުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ.

ރައީސްގެ ބައްޕަ ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހައިކޯޓު ގާއިމުކުރިއިރު އެކުލަވާލި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ. އަދި އެ މަރްޙޫމަކީ ފަނޑިޔާރުކަމުގައި ހުންނެވިއިރު ވެސް މުޖުތަމައުގައި ދީނީ ކަންކަމަށް މީހުން ހޭލުންތެރިކަން އިތުރުކޮށް މީހުން އަހުލުވެރިކުރުވުމަށް ގިނަ ޕްރޮގްރާމްތައް އުފައްދަވައި ހިންގެވި ބޭކަލެކެވެ.

އޭގެ ތެރޭގައި "އަލީގެ މައްޗަށް އައްޔެއް" ޕްރޮގްރާމަކީ ގިނަބައެއްގެ މަގުބޫލުކަން ހޯދި ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. އަދި ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ ތަފާތު އެކި މައުޟޫޢުތަކަށް ފޮތްތައް ލިޔުއްވި ކުޅަދާނަ މޮޅު ލިޔުންތެރިއެކެވެ.

އަޒްހަރު ޔުނިވަރސިޓީން މަތީ ތައުލީމު ހާސިލު ކުރެއްވި އެ މަރްޙޫމަކީ ޢަރަބި، އުރުދޫ، އިނގިރޭސި، ފަރަންސޭސި ބަސް ދެނެވަޑައިގެންނެވި ބޭކަލެކެވެ. ރަސްމީގޮތުން ކުރެއްވި މުހިންމު ބައެއް މަސައްކަތްތަކުގެ ތެރޭގައި ދީނީ ކޮމިޓީ، ޤުރުއާން ތަރުޖަމާ ކޮމިޓީ ފަދަ ގައުމީ ކޮމިޓީތަކުގައި މަސައްކަތް ކުރައްވާފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ހައިކޯޓުގައި ފަނޑިޔާރުންގެ ޚިދުމަތުން ވަކިވެވަޑައިގެންފައިވާ 28 ބޭފުޅަކަށްވަނީ ޚިދުމަތުގެ ޒިކުރާ އައުކޮށް ފަނޑިޔާރުންގެ ގޮތުގައި މަސައްކަތްކުރައްވައި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ފަނޑިޔާރުންގެ ގައުންކޮޅު ހަވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން