މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރަކު
މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރަކު
ސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން އެކޮމިޝަންގެ ހިންގުން އިތުރަށް ހަރުދަނާވާނެ ކަމަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރަކު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޙުސްނީ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށައެޅުއްވި އިސްލާހަށް ބަހުސް ކުރަށްވަމުންނެވެ.

ބިލުގެ ބަހުސްގައި ހުސްނީ ވިދާޅުވީ ސިންގަޕޫރާއި މެލޭޝިޔާފަދަ ޤައުމުތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަންތަކުގެ ރައީސުން އައްޔަނުކުރަނީ އެޤައުމުތަކުގެ ބޮޑުވަޒީރުންގެ ލަފާފުޅުގެ މަތިންކަމަށެވެ. އެހެންކަމުން ރާއްޖޭގައި ކުރަން އުޅެނީ އައުކަމެއް ނޫންކަމަށްވެސް ޙުސްނީ ވަނީ ވިދާޅުވެފައެވެ.

ޙުސްނީ ވިދާޅުވީ ސަރުކާރުން ހުށައަޅާފައިވާ ބިލުން އޭސީސީގެ ރައީސާއި ނައިބުރައީސްގެ މަޤާމަށް މީހުން އައްޔަންކުރުމުގެ މުތުލަޤު ބާރު ރައީސަށް ނުލިބޭ ކަމަށެވެ. އެގޮތުން އޭސީސީގެ މެންބަރުންވެސް އައްޔަންކުރަނީ ރައީސް މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން މަޖިލީހުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހަމައެހެންމެ މަޖިލީހުގެ ބަހެއް އޮވެގެން އޭސީސީގެ ރައީސާއި ނައިބުރައީސް އައްޔަންކުރުމަކީ އެކޮމިޝަނުގެ މިނިވަންކަމާއި ހިންގުން އިތުރަށް ހަރުދަނާވާނެ ކަމެއް ކަމަށް ހުސްނީ ވަނީ ވިދާޅުވެފައެވެ.

ޙުސްނީ މިއަދު ވިދާޅުވީ ރާއްޖޭގައި 5 ކޮމިޝަނަރުން ހިމަނައިގެން މިނިވަން މުއައްސަސާތައް އެކުލަވާލާފައިވަނީ އެންމެ ރަނގަޅަށްތޯ ބަލަންޖެހޭ ކަމަށެވެ. އެގޮތުން 3 ކޮމިޝަނަރުންނަށް ނުވަތަ އެންމެ މެންބަރަކަށްވެސް ކޮމިޝަންތަކުގެ މަސައްކަތްތައް ހިންގޭނެތޯ ދިރާސާ ކުރަންޖެހޭ ކަމަށް ހުސްނީ މިއަދު ވިދާޅުވިއެވެ.

ހުސްނީ މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރަންވާނެ ކަމަށެވެ. ނަމަވެސް އެ ނިންމުން މަޖިލީހަށް ހުށައަޅައި ފާސްކުރަންވާނެ ކަމަށްވެސް އިސްލާޙުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން