ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިރޭ ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 31 އޮކްޓޫބަރު 2024 ވީ ބުރާސްފަތި ދުވަހު އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލުން، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި، އިލެކްޓްރޯނިކް ސިގިރެޓް އަދި މިފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްތަކާއި، ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓްތަކާއި، އެ އެއްޗެހީގެ ބައިބައި މި ޤާނޫނުގައި ބަޔާންކުރުން ހިމެނެއެވެ.

ހަމަ އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރ 24، ވަނީ އިޞްލާޙު ކޮށްފައެވެ. އެގޮތުން ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުގެ އަގުތަކަށް އައި ބަދަލުތައް ތަފްޞީލީ ގޮތެއްގައި ބަޔާންކޮށްފައިވެއެވެ. އެބަދަލުތަކަކީ؛

- އިސްލާހުގައި ވަކިވަކިން ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެހެނިހެން ތަކެތީގެ ޑިއުޓީ މިންވަރަކީ 200 އިންސައްތަކަމަށް،

- ސިގިރެޓްގެ ޑިއުޓީ މިންވަރަކީ 50 އިންސައްތަ ކަމަށް އަދި ސިގިރެޓަކުން 8 ރުފިޔާކަމަށް،

- ބިޑީގެ ޑިއުޓީ މިންވަރަކީ 50 އިންސައްތަ ކަމަށް އަދި ބިޑިއަކުން 8 ރުފިޔާކަމަށް،

- އިލެކްޓްރޯނިކް ސިގިރެޓަށް ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުމަށް ބޭނުންކުރާ އެނޫންވެސް އާލާތްތަކަށް އަޅާ ފްލޭވަރ އާއި ކެމިކަލްގެ ޑިއުޓީ މިންވަރަކީ 50 އިންސައްތަކަމަށް އަދި މިލިލީޓަރަކަށް 8 ރުފިޔާކަމަށް،

- ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ޑިއުޓީ މިންވަރަކީ 50 އިންސައްތަ ކަމަށް އަދި ސްޓިކަކުން 8 ރުފިޔާކަމަށް.

މީގެ އިތުރުން، އިލެކްޓްރޯނިކު ސިނގިރޭޓާއި އެ ފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓްތަކުން ނަގާ ޑިއުޓީގެ މިންވަރަކީ 200 އިންސައްތަކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް މުހިންމު އިޞްލާޙުތައް މި ޤާނޫނަށް ވަނީ ގެނަސްފައެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ނުވަތަ އިޞްލާޙުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭކަމުގައި ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއިއެކު 1 ނޮވެމްބަރު 2024 އިން ފެށިގެން މި އިސްލާހަށް އަމަލުކުރަން ފަށާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން