ޕެޓް ކެއާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއއޔާތުގެ ތެރެއިން
ޕެޓް ކެއާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއއޔާތުގެ ތެރެއިން
މި ސަރުކާރަކީ ކައުންސިލަތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޕެޓް ކެއާ ފެސިލިޓީ ނުވަތަ އޮޅު ހިޔާ ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު މާލެ ކައުންސިލުގެ ތެރެއިން ޕެޓް ކެއާ ފެސިލިޓީއެއް ގާއިމް ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެކަން ކުރެވިފައި ނުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމް ކުރުމަކީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި މާލޭގެ ރައްޔިތުންނަށް ވެވަޑައިގެން ވައުދެއް ކަމަށާއި، މި ވައުދު ފުއްދާފައިވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިވަޑައިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ބޭނުންވީ އޭރުގެ ތަޖުރިބާގެ އަލީގަ ސަރުކާރުން އިސްކަން ނުދިނުމުން ނުވި ކަންތައް، ސަރުކާރުން އިސްވެ ކައުންސިލް މެދުވެރިކޮށް ކުރެވޭނެ ގޮތް މަގުފަހި ކޮށްދޭން." ކައުންސަލްތައް ބާރުވެރި ކުރުވުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ފެސިލިޓީ ގާއިމް ކުރުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެނިމަލް ވެލްފެއާ ވުޒާރާއެއް އުފައްދަވާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ފެސިލިޓީއަކީ ސަރުކާރުގެ އެއްބާރުލުމާއެކު، މާލެ ސިޓީ ކައުންސިލާއި އެގްރިކަލްޗާ މިނިސްޓްރީ އާއި ގުޅިގެން އުފެއްދި ތަނެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ކައުންސިލްތައް ބާރުވެރި ކުރުވަން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިހާތަނަށް 160 އެއްހާ ކައުންސިލަކާ ބައްދަލު ކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކައުންސިލްތަކުގެ ޝަކުވާތައް ނޯޓުކޮށް، ކަމާބެހޭ ވުޒާރާތައް މެދުވެރިކޮށް އެކަންތައް ތަންފީޒު ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގައި 30 އަހަރަށްވުރެ ގިނަ އަހަރު ވެފައިވާ ކައުންސިލް އިމާރާތްތަކަށް ޒިޔާރަތް ކުރެވިފައިވާ ކަމަށާއި، އެ ތަންތަން ހުރީ މަރާމާތުވެސް ނުކޮށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި ކައުންސިލް ތަކުގެ އިދާރާތައް އިމާރާތް ކުރުމުގެ މަޝްރޫއު ފެށޭނެ ކަމަށާއި، މި މަޝްރޫއުގެ ދަށުން މިއަހަރު 50 ކައުންސިލް އިމާރާތް އަޅައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދައުރުގައި 120 އަށްވުރެ ގިނަ ކައުންސިލް އިމާރާތް އެޅުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ ސަރުކާރެއް ކަމަށާއި، މިއީ ވައުދުތައް ފުއްދާ ސަރުކާރެއް ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރި ކުރެވޭނީ ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދީގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން