އެއް ގައުމުން އަނެއް ގައުމަށް ގެންދާ މުދާ ކަނޑުމަގުން ގައުމަކަށް ގެންގޮސް، އެ ގައުމު މެދުވެރިކޮށް ވައިގެ މަގުން އެކި މަންޒިލްތަކަށް ފޮނުވައިދިނުމަށް ފެށި ސީ ޓު އެއާ ކާގޯގެ ހިދުމަތް ފުޅާވެ ބަނގުލަދޭޝްގައި ތައްޔާރުކުރާ އަންނައުނުވެސް ރާއްޖެ މެދުވެރިކޮށް އެކްސްޕޯޓު ފަށައިފި އެވެ.

ސީ ޓު އެއާ ކާގޯގެ ހިދުމަތް ރާއްޖެއިން ފެށީ މިދިޔަ މޭ މަހުއެވެ. އެގޮތުން ބަންގުލަދޭޝްއިން ރާއްޖެއަށް ގެނައި ފުރަތަމަ ޝިޕްމަންޓް ވައިގެ މަގުން ފުރަތަމަ ފޮނުވީ ޖަރުމަނަށެވެ. އަދި އެ ހިދުމަތް ފުޅާވެ މިހާރު އަންނައުނުވެސް ރާއްޖެ މެދުވެރުކޮށް ފޮނުވަން ފަށާފައިވާ ކަމަށް ދުނިޔޭގެ މަޝްހޫރު ނޫސްތަކުން ވަނީ ބުނެފަ އެވެ.

ފައިނޭންޝިއަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންގްލަދޭޝްއިން މީގެ ކުރިން އަންނައުން އެކްސްޕޯޓްކުރީ އިންޑިއާގެ ޕޯޓުތަކަށް ފޮނުވައިގެން ނެވެ.

ނަމަވެސް މިހާރު އިންޑިއާގެ ބަދަލުގައި ރާއްޖެ މެދުވެރިކޮށް ބަންގްލަދޭޝްގެ އަންނައުނު އެކްސްޕޯޓްކުރަން ފަށައިފައިވާއިރު އިންޑިއާގެ ޕޯޓުތަކަށް ލިބޭ އާމްދަނީ ވެސް ދަށްވާން ފަށާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ދުނިޔޭގެ މަޝްހޫރު ޒާރާ އަދި އެޗްއެންއެމް ފަދަ ބްރޭންޑްތަކުގެ އަންނައުނު އުފައްދަނީ ބަނގުލަދޭޝްގަ އެވެ. އެ ގައުމުގެ އެކްސްޕޯޓްގައި 80 ޕަސެންޓަކީ ވެސް އަބްނައުނެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ސީ ޓު އެއާ ކާގޯގެ ހިދުމަތް ފުޅާވަމުންދާ އިރު ކުރިން މެދުއިރުމަތި އަދި ޔޫރަޕަށް ދާ ބޯޓުތަކުގެ ހުސް ޖާގަތައް މިހާރު ފުރެމުންދާ ކަމަށެވެ.

އަދި މިހާރު ވިސްނުން ހުރިރީ އެ ދާއިރާ ރެގިއުލޭޓްކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން