ރިޔާސީ ކޮމިޝަންތައް ހަދައިގެން ސިޔާސީ ވާދަވެރިން ފަހަތުން ދުވެ، ހައްޔަރުކޮށް ޖަލަށްލާ މަންޒަރު ދެން ނުފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސިޔާސީ ވާދަވެރިން ދުރަށްލައި އެއްފަރާތްކުރި ޒަމާން ނިމިއްޖެ ކަމަށެވެ. ރަައީސް ވިދާޅުވީ ސިޔާސީ މީހުންގެ މައްސަލަތައް ބަލަން ކޮމިޝަންތައް ނުހައްދަވާނެ ކަމަށެވެ. އަދި މައްސަލަތައް ބައްލަވާނީ ޤާއިމުކުރެވިފައިވާ ނިޒާމްތަކުގެ ތެރެއިންކަމަށް ރަައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ބަދަލު ހިފުމުގެ ރޫހު މިގައުމުން ނައްތާލައްވާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއް ސަރުކާރުގެ ފަރާތުން ނުފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސިޔާސީ ހަމަޖެހުން ޤަައުމަށް ގެނެސްދެއްވާނެ ކަމަށެވެެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، މިދިޔަ ވެރިކަމުގައި ރިޔާސީ ކޮމިޝަންތައް ހަދައިގެން ތަހުގީގުތަކެއް ކުރިއަށް ގެންދިޔައީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ.

"މި ސަރުކާރަކުން ނުފެންނާނެ ރިޔާސީ ކޮމިޝަންތައް ހަދައިގެން ކުރީގެ މީހުން ކުރަމުންދިޔަ ކަންކަމަށް ސިޔާސީ ގޮތުން ވަދެގެން ކަންކަން ކުރާ ތަނެއް. އެހެނެއް ނޫން ވައްކަންކޮށްފައި ހުރެއްޖެއްޔާމު، ގައުމުގެ މުދާ ނުހައްގުން ހޯދާފައި ހުރިއްޔާމު އެކަންކަން ބަލާނަން. ރައްޔިތުންގެ ހައްގުތަކަށް ހަގީގަތުގައި ވެސް އަރައިގަނެފައި އޮތިއްޔާ އެކަންކަން ބަލާނަން އޮންނަ އުސޫލުތަކުގެ ތެރެއިން. ރިޔާސީ ކޮމިޝަނެއް ނުހަދާނަން،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ނަން ވިދާޅުނުވެ އެމަނިކުފާނަށް ރައްދުވާ ގޮތަށް ރައީސް މުއިއްޒު ރޭ ވިދާޅުވީ ސިޔާސީ ވާދަވެރިއަކަށްވީތީ ތިމާގެ މީހެއް ވިޔަސް ރަހުމަތްތެރިޔެއް ވިޔަސް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމަޔެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ ކުރީގައި އެކަން އޮތީ ކޮންމެވެސް ވަރަކަށް ފެނިފަ. އެކި ގޮތް ގޮތުން، ފްރޭމްކޮށްގެން ކަމުގައި ވިޔަސް ނޫނީވިއްޔާ އެހެން ގޮތަކުން ވިޔަސް އަނިޔާވެރިކަމާއެކީގައި ސިޔާސީ ވާދަވެރިން ގެންގޮސް ޖަލަށްލައި އަނިޔާކޮށްފައި. އެއީ ތިމަންނައާ ތިމާގެ މީހަކަށް ވިޔަސް ތިމަންނަގެ ރައްޓެއްސެއް ވިޔަސް ކޮންމެ މީހެއް ވިޔަސް، ސިޔާސީ މީހެއް ވިއްޔާ ދުރައްލައި އެއްކައިރި ކުރި ޒަމާން މި ގައުމުގައި އިރާދަ ކުރެއްވިއްޔާ ތާ އަބަދަށް މި ވެރިކަން ފެށުނު ދުވަހުން ފެށިގެން ވާނީ ނެތިގެން ގޮސްފައި،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން