ރާއްޖޭގެ ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް
ރާއްޖޭގެ ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް
ރައީސް ޞާލިޙްގެ ސަރުކާރަށްވުރެ މިސަރުކާރުގެ ސިއްރުކަން މާ ބޮޑު ކަމަށާއި ކަންކަން ކުރަށްވަމުން ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ވިދާޅުވި ގޮތަށް ނޫންކަމަށް މިހާރު ޢަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީގެ ދަށުން ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑީއާއެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މި ސަރުކާރުގެ އިސްރާފު ވަރަށް ބޮޑު ކަމަށާއި ޢަމަލާއި ބަސްވެސް ދިމާ ނުވާ ކަމަށެވެ. އެހެންކަމުން ސިއްރުވެރި ކަމާއެކު ދެފުށް ދެގޮތަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ އެންމެ ކަމުނުދާ ސިފަ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ކަނޑައެޅޭ ފަރާތްތައް އެގޮތަށް ޢަމަލު ކޮށްގެން ނުވާނެ ކަމަށެވެ. ހަމައެއާއެކު ކައުންސިލަރުންގެ ޢަދަދު މަދުކުރާނަމަ މަޖިލީހުގެ ސައިޒްވެސް ހަމަ އެ މިންގަނޑަށް ކުޑަކުރަންވާނެ ކަމަށް ފައިސަލް މިއަދު ވަނީ ވިދާޅުވެފައެވެ.

“ކުރީ ސަރުކާރުން ސިއްރުކުރި ވާހަކަ ދައްކާފައި މިއަދު މުޅިން މިދަނީ އެހެން ގޮތަކަށް. ސީދާ ތެދުބަހުން ވާހަކަ ދެއްކުން އެނގޭތޯ. އަޅުގަނޑު ހަމަ ކަންބޮޑުވޭ. ބައެއް ބޭފުޅުން މަގާމުތަކުގައި ތިއްބަވައިގެން ސީދާ އޮޅޭގޮތަށް އެބަ ވާހަކަ ދައްކަވާ.” ފައިސަލް މިއަދު ވިދާޅުވިއެވެ.

ފައިސަލް މިއަދުވަނީ ސިޔާސީ ގޮތުން އެމަނިކުފާނުގެ މުސްތަޤްބަލް ރާއްވަވަމުން ގެންދަވާ ގޮތާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސިޔާސީ ކުރިމަގު ބިނާކުރަށްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާމެދު ވަކި ޖަވާބެއް ނުދެއްވައި ފައިސަލް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިއްޕަވާނެ ކަމަށާއި މުސްތަޤުބަލް ކިޔަން ނޭންގޭ ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާމެދު ގޮތެއް ނިންމާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

“އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ ސީދާ ރައީސްއަކަށްވާކަށް ނޫނީ ނައިބު ރައީސްއަކަށްވާކަށް ނޫން. ނޫނީ މަޖިލިސް މެންބަރަކަށްވާކަށް ނޫން. ކޮންމެ ކަމަކީވެސް ހާލަތެއް. އެމީހަކާާ އެކަށޭނެ ކަންތައްތައް އެކަށޭނެ ވަގުތު މެދުވެރި ކުރެއްވީމަ އެފުރުސަތުތަކާއި އެއްގޮތަށް ފަހިވެ އެއީ އެންމެ ރަނގަޅު ގޮތްކަަމަށް ފެނިގެން.” ފައިސަލް ވިދާޅުވިއެވެ.

އަދި އެވަގުތެއްގައި އޮންނަ ހާލަތެއްގެ މައްޗަށް ބެލުމަށްފަހު އެކަން ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭނަމަ، އެހިތްވަރާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށްވެސް ފައިސަލް މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން