ފުލުހުންގެ މެޑިކަލް ސްކީމް ރިވިއު ކުރިއަސް މިހާރު ލިބޭ އެއްވެސް އެލަވަންސަކަށް އުނިކަމެއް ނާންނާނެ ކަމަށް ފުލުހުންގެ ސާވިސް ޑިވަލޮޕްމަންޓްގެ ވެރިއާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެޑިކަލް ވެލްފެއާ ސްކީލް ރިވިއު ކުރަނީ އިސްރާފު ކުޑަކުރަން ކަމަށާއި އެކަން ކުރިއަސް މިހާރު ލިބޭ އެއްވެސް އެލަވަންސަކަށް އުނިކަމެއް، ބަދަލެއް ނާންނާނެ ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމްގެ ބަދަލުގައި ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ޝިފާން ކުރެއްވި ޕޯސްޓުގައި ވަނީ ފުލުހުންނަށް ދެމުން އަންނަ މެޑިކަލް ސްކީމްގެ އިސްރާފު ވީ އެންމެ ބޮޑަކަށް ކުޑަކުރުމަށްޓަކައި އެ ސްކީމް ރިވިއު ކުރާނެ ކަމަށެވެ. އަދި އެމަސައްކަތުގެ ތެރެއިން ފުލުހުންނަށް މިހާރު ދެމުން އަންނަ އެއްވެސް އެލަވަންސަކަށް އުނިކަމެއް ގެނައުމުގެ ވިސްނުމެއް ފުލުހުންގެ ލީޑަރުޝިޕުން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާދިފަހުން މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓުގައިވާ ގޮތުން ސިފައިންނާއި، ފުލުހުންގެ އާއިލާތަކަށް މެޑިކަލް ވެލްފެއާގެ ސްކީމް އޮތް ނަމަވެސް އެކަމަށް ބޮޑު ހޭދައެއް ކުރެއެވެ. އަދި އެކަން ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ވުޒާރާގެ ރިޕޯޓުގައި ބުނީ މި ނިންމުން ނިންމާފައިވަނީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް މެޑިކަލް ވެލްފެއާ ސްކީމުން ބޮޑު ހަރަދެއް ހިނގާތީ އެކަން ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އަދި މިހާރު ގެންނަ ބަދަލާއެކު ޕްރައިވެޓް އިންޝުއަރެންސް ހަމަވުމަށްފަހު އާސަންދަ ނިޒާމުގެ ތެރެއިން ސިއްހީ ފަރުވާ ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން