ދޯހާގައި ހުންނަ ގަތަރު ފައިނޭންޝަލް ސެންޓަރު/ ފޮޓޯ: ގަތަރު ފައިނޭންޝަލް ސެންޓަރު
ދޯހާގައި ހުންނަ ގަތަރު ފައިނޭންޝަލް ސެންޓަރު/ ފޮޓޯ: ގަތަރު ފައިނޭންޝަލް ސެންޓަރު
މި ސަރުކާރުން ރާއްޖޭގައި ފައިނޭންޝަލް ސެންޓަރު ގާއިމު ކުރަން ނިންމާފައިވާ ނިންމުން ހަގީގަތަކަށް ހެދުމަށްޓަކާ އިކޮނޮމިކް މިނިސްޓްރީން ގަތަރު ފައިނޭންޝަލް ސެންޓަރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އަބޫ ދާބީ ގްލޯބަލް މާކެޓް ރެޖިސްޓްރޭޝަން އޮތޯރިޓީ (އޭޑީޖީއެމް) އާ އެކު ސަރުކާރުގެ ފަރާތުން ސޮއިކުރީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އޭޑީޖީއެމްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަމާދު ސަޔާހް އަލް މަޒޫރީ އެވެ.

މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ މި އެއްބަސްވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވަޒީރު ސައީދު ވިދާޅުވީ މިއީ ގަތަރު ފައިނޭންސް ސެންޓަރުގެ ތަޖުރިބާ އާއި އިލްމު ހޯދުމުގެ އެއްބަސްވުމެއްގެ އިތުރަށް ރާއްޖެ އާއި ގަތަރުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ފައިނޭންޝަލް ސެންޓަރު ނުވަތަ މާލީ މަރުކަޒު ގާއިމުކުރުމަށް ބޭނުންވާ އިލްމު ފޯރުކޮށްދީ، މާލީ ހިންގުމުގެ ދާއިރާ އާއި، ރެގިއުލޭޓުކުރުމުގެ އޮނިގަނޑުތައް އެކުލަވައިލެވޭނެއެވެ. އަދި މާލީ މަރުކަޒުތައް ހިންގުމުގެ އިސްތިރާޖިއްޔާތައް އެކުލަވައިލުން ފަދަ ކަންކަމުގައި ގަތަރު މާލީ ސެންޓަރުން އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ގަތަރާއި އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ބަދަލުކުރެވޭ އެހީއާއި އެއްބާރުލުމުގެ ތެރެއިން އިގުތިސާދީ ކުރިއެރުމާއި ތަރައްގީ ހާސިލުކޮށް ދެ ގައުމަށް ވެސް މުހިންމު މަންފާތަކެއް ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން